Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ އިގްތިސާދީ ޖަރީމާއެއް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޖީއެމްއާރާއެކު އެކުވެފައިވާ އެއްބަސްވުން އުވާލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ޖީއެމްއާރް އަތުން އެއާޕޯޓު އަތުލާފައިވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. އެއާޕޯޓް އަތުލި މައްސަލައިގެ ބަދަލުގެ ގޮތުގައި ޖީއެމްއާރުން އެދިފައި ވަނީ 1.4 ބިލިޔަން ޑޮލަރު ނަގައިދޭށެވެ.

މިނިސްޓަރު އަމީރު މިރޭ ޓްވިޓާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖީއެމްއާރް އަތުން އެއާޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަން އިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށާއި އޭގެ ސަބަބުން އެއާޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަން ކަމަށެވެ.

"މިކަމަށްޓަކާ އެއް ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި ވަނީ އިތުރުވެފައި. މިކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައި" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ޖީއެމްއާރާއެކު ކުރިއަށްދިޔަ ނަމަ 2014 ވަނަ އަހަރު ނިމެން އޮތް އެއާޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށާއި ނަމަވެސް ހަތް އަހަރު ވެގެންދިޔައިރު ވެސް އަދިވެސް އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޖީއެމްއާރާއެކު 2014 ގައި އެއާޕޯޓު ތަރައްގީ ކުރެވުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެ އަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ޓޫރިޒަމްގެ އާމްދަނީން ރާއްޖެ އަށް ގެއްލިގެންދިޔަ 13.2 ބިލިއަން ޑޮލަރު. އެއީ އެތައް ބަޔަކަށް ގެއްލިގެންދިޔަ ވަޒީފާގެ ފުރުސަތުތައް. މިއީ އެތައް އާއިލާއަކަށް ގެއްލިގެންދިޔަ އާމްދަނީ" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓު 2014 ވަނަ އަހަރު ނިމުނުނަމަ 2020 ވަނަ އަހަރާ ރާއްޖެ އިން ކުރިމަތިލީހީ ފަސް ބިލިއަން ޑޮލަރުގެ އިގްތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގްތިސާދަކާއެކު ކަމަށްވެސް އަމީރު ވިދާޅުވި އެވެ.