އޮޅުވެލިފުށި ކައިރީގައި އިއްޔަ ހިނގި ކަނޑުމަތީގެ ހާދިސާގައި ގެއްލުނު ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުން އަންނަކަން އެމްއެންއެޑީއެފުން ބުނެފިއެވެ.
ރޭގެ ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން މިއަދު ބުނެފައިވަނީ، ރޭގެ ކަނޑުމަތީގެ ހާދިސާގައި ނިޔާވި އަންހެން މީހާގެ ހަށިގަނޑު ކޯސްޓްގާޑްގެ އެހީތެރިކަމާއެކު މިއަދު ހެނދުނު 07:30 ހާއިރު މާލެ ގެނެސްފައިވާކަމަށެވެ. މަރުވެފައިވަނީ ގެއްލިގެއް ހޯދަމުން އަންނަ ކުޑަކުއްޖާގެ މަންމައެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުން އަންނަކަމަށާއި އެގޮތުން މިހާތަނަށް 10 ސްކެއާ ކިލޯމީޓަރުގެ ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެ ކުއްޖާ ހޯދުމުގައި އެމްއެންޑީއެފުން ވަނީ އާންމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ.
މި ހާދިސާ ހިނގާފައިވަނީ ޅ.އޮޅުވެލި ރިސޯޓުގެ އިރު ދެކުނުން އެއް ނޯޓިކަލް މޭލުންކަމަށް ލަފާކުރެވޭ ކަމަށާއި އެކުއްޖާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށް ކޯސްޓްގާޑުން މައުލޫމާތުދެއެވެ.