Last Updated: June 30, 07:10
Tuesday, June 30, 2026
ޚަބަރު

ހައުސިން ޔުނިޓްތަކަށް އަލުން އިއުލާން ކުރަނީ

ފޭދޫގެ ހައުސިން ޔުނިޓްތަކެއް: ފޮޓޯ/ އައްޑޫ ލައިވް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ސ. ފޭދޫގައި އިމާރާތް ކުރި 25 ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދާ ގޮތަށް ނިންމައި އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން މިނިސްޓްރީން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ނިންމީ އެތަން ހަވާލުނުކޮށް ހުރުމުގެ ސަބަބުން އިމާރާތްތައް ހަލާކުވެ އެތަން ނުބެލެހެއްޓި ވީރާނާ ވަމުންދާތީ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އެ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާނެ ކަމަށެވެ. އަދި އެކަން ކުރިއަށް ގެންދާނީ އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ ފޭދޫ ހައުސިން ޔުނިޓްތަކުގެ ގުރުއަތުލުމުގެ ކަންކަމާއި އައްޑޫގެ މޭޔަރާއި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެކަން ކުރިއަށްގެންދާނީ ކައުންސިލުން ފޯމު ބަލައި ގަނެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ތިން ފަހަރެއްގެ މަތިން ހައުސިން ޔުނިޓްތަކަށް ފޯމު ހުށަހެޅި މީހުންގެ މެދުގައި ގުރުއަތުލުން ބޭއްވުމަށް ނިންމިއެވެ.

ނަމަވެސް ކޮންމެ ފަހަރަކު ވެސް ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ޕޮއިންޓްދީފައިވާ ކަމަށް ބުނެ އޭސީސީ އާއި ހައުސިން މިނިސްޓްރީއަށް ހުށަހަޅައިގެން ގުރުލުން ވަނީ ކެންސަލްކޮށްފަ އެވެ.

ފޭދޫ ހައުސިން ޔުނިޓްތަކަށް އެންމެ ފަހުން ހުޅުވާލި ފުރުސަތުގައި 327 ފަރާތަކުން ވަނީ ކުރިމަތިލާފައިވާކަމަށެވެ.

ނަމަވެސް މީގެ ތެރެއިން ޝަރުޠު ހަމަވެ ގުރުއަތަށް އޭރު ހޮވިފައިވަނީ 315 ފަރާތެކެވެ.