Last Updated: May 3, 17:36
Friday, May 3, 2024
ޚަބަރު

މޫސުން ގޯސްވާނެތީ ހުދު އަދި ރީންދޫ އެލާޓް ނެރެފި

ރާއްޖެ ސަރަހައްދުގެ މޫސުން މިއަދުވެސް ގޯސްވާނެތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު އަދި ރީންދޫ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ހުދު އެލާޓް ނެރެފައިވަނީ ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ހެނދުނު 08:30 އިން ފެށިގެން ހަވީރު 04:30 ހާއި ދެމެދުގެ ވަގުތަށެވެ.

މީގެ އިތުރުން ވައިގަދަވެ ކަނޑުގަދަވާނެކަމަށް ލަފާކޮށް ރީންދޫ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ހެނދުނު 07:30 އިން ފެށިގެން ހަވީރު 04:30 އާ ހަމައަށެވެ. މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުތަކުގައި ގަޑިއަކި 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށިގެންވާ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.

އިއްޔަވެސް ވަނީ ވައިގަދަވެ ކަނޑުގަދަ ވުމުގެ ސަބަބުން ކަނޑުމަތީގައި ނުރައްކާތެރި ހާދިސާއެއް ހިނގާފައެވެ. މިހާދިސާގައި އަންހެނަކު މަރުވެފައިވާއިރު ކުޑަ ކުއްޖަކު ގެއްލިގެން އަންނަނީ ހޯދަމުންނެވެ.