Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޖީއެމްއާރް އާ އެއާޕޯޓް ހަވާލުކުރީ އިގްތިސާދު ދެގުނަ ކުރުމުގެ ނިޔަތުގައި: ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންޑިއާގެ ޖީއެމްއާރްއާ އެއާޕޯޓް ތަރައްޤީ ކުރުމަށް ހަވާލުކުރީ އިގްތިސާދު ދެގުނަ ކުރުމުގެ ނިޔަތުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި އެމަނިކުފާނަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އަދި ވެރިކަން ފުރޮޅުމަށް މެދުވެރިވި އެއް މައްސަލައިގައި މިއަދު ކުރެއްވި ޓްވީޓެއްގައި ރައިސް ނަޝީދު ވިދާޅުވީ، ހުޅުލޭ އެއާޕޯޓް ތަރައްޤި ކުރުމުގެ މަސައްކަތް 2010 ވަނަ އަހަރު ވޯލްޑް ބޭންކްގެ އެހީގައި ޓެންޑަރ ކޮށް ކާމިޔާބުކުރި ޖީއެމްއާރް އަށް ހަވާލުކުރެވުނީ ރާއްޖޭގެ އިގްތިސާދު ދެގުނަ ކުރުމުގެ ނިޔަތުގައި ކަމަށެވެ.

"އޭރުވެސް މިހާރުވެސް މާހިރުން ބުނަމުން ދިޔައީ، ބޭނުންވަނީ ޓާމިނަލް ބޮޑުކޮށް އަލުން ބިނާކުރުމަށްކަމަށް." ރައީސް ނަޝީދުގެ ޓްވީޓްގައިވެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިވާއިރު، އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރާއެކު އެކުވެފައިވާ އެއްބަސްވުން އުވާލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު އަމީރު ރޭ ކުރެއްވި ޓްވީޓެއްގަިއ ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޖީއެމްއާރް އަތުން އެއާޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަން އިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށާއި އޭގެ ސަބަބުން އެއާޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަން ކަމަށެވެ.

"މިކަމަށްޓަކާ އެއް ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި ވަނީ އިތުރުވެފައި. މިކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައި" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ޖީއެމްއާރާއެކު ކުރިއަށްދިޔަ ނަމަ 2014 ވަނަ އަހަރު ނިމެން އޮތް އެއާޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށާއި ނަމަވެސް ހަތް އަހަރު ވެގެންދިޔައިރު ވެސް އަދިވެސް އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޖީއެމްއާރާއެކު 2014 ގައި އެއާޕޯޓު ތަރައްގީ ކުރެވުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެ އަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ޓޫރިޒަމްގެ އާމްދަނީން ރާއްޖެ އަށް ގެއްލިގެންދިޔަ 13.2 ބިލިއަން ޑޮލަރު. އެއީ އެތައް ބަޔަކަށް ގެއްލިގެންދިޔަ ވަޒީފާގެ ފުރުސަތުތައް. މިއީ އެތައް އާއިލާއަކަށް ގެއްލިގެންދިޔަ އާމްދަނީ" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓު 2014 ވަނަ އަހަރު ނިމުނުނަމަ 2020 ވަނަ އަހަރާ ރާއްޖެ އިން ކުރިމަތިލީހީ ފަސް ބިލިއަން ޑޮލަރުގެ އިގްތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގްތިސާދަކާއެކު ކަމަށްވެސް އަމީރު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުކުރުމަށްފަހު އެންމެފުރަތަމަ ކުރިކަމެއްގެ ގޮތުގައި ޖީއެމްއާރްގެ އެއްބަސްވުން ބާތިލުކުރިއެވެ. އުފެދުމުގައިވެސް ބާތިލު އެއްބަސްވުމެއްކަމަށް ބުނެ ޖީއެމްއާރްގެ އެއްބަސްވުން ބާތިލުކުރިއިރު، ޖީއެމްއާރަށް ދިވެހި ދައުލަތުން 4.1 ބިލިއަން ރުފިޔާ ދެއްކުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމާ އެފައިސާ ދައްކާފައިވެއެވެ.