ރަސޫލާގެ ހަދީޘެއްގައި ވެ އެވެ. "އެއް ހޮރަކުން މުސްލިމެއްގެ ގަޔަށް ދެ ކަށި ނުހެރޭނެ އެވެ." މީ އަޅުގަނޑުމެން މި ދަނޑިވަޅުގައި ވިސްނާ ފިކުރު ކޮށްލަން މުހިއްމު އަދި އިބްރަތްތެރި ހަދީޘެކެވެ.
މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބްގައި އައްޑޫއިން ވާދަކުރާން ތިބި ކައުންސިލަރުންނަށް ވިސްނަމާ ހިނގާށެވެ. އެމްޑީޕީން ނިކުންނަ ކެންޑިޑޭޓުންގެ ތެރެއިން މިހާރު ކައުންސިލް ތަމްސީލް ކުރާ ތިން ކައުންސިލަރުން އެބަ ވާދަ ކުރެއެވެ. ކައުންސިލަރުން ދެވަނަ ފަހަރަށް ނިކުންނައިރު ފާއިތުވި ތިން އަހަރު ކުރި މަސައްކަތަށް ބަލާލަން އެބަޖެހެއެވެ.
ފާއިތުވި ތިން އަހަރު
ފާއިތުވި ތިން އަހަރަކީ އައްޑޫ ސިޓީ ކައުންސިލަރުންގެ މުސްތަގްބަލް ބަލާ ލޯގަނޑެވެ. 2011 ފެބްރުއަރީ 26 ވަނަ ދުވަހު މިހާރު އޮތް ކައުންސިލް ހުވާ ކުރީ އެމްޑީޕީ ވެރިކަމުގައި ސައްތައިން ސައްތަ އެމްޑީޕީ މެމްބަރުން ހިމެނޭ ކައުންސިލެއްގެ ގޮތުގައެވެ. ވެރިކަން ކުރާ ޕާޓީގެ ކައުންސިލަރުން ހިމެނިގެން ނޫނީ ތަރައްޤީ ނުވާނެކަމަށް ބުނި ބުނުމަށް މުޅި އައްޑޫ "އާނ ބަސް" ބުނީ އެހެންވެއެވެ.
ބަޖެޓާއި، ބާރާއި ކަންކަން މެކުހަށް ޖަހާނެ ކަމަށް ބުނި ކައުންސިލަށް ކުރެވުނީ ކޮން ކަމެއްތޯ ހިތާއި ހިތާއި ސުވާލު ކޮށްލާށެވެ.
2011 ނޮވެމްބަރ މަހު 17 ވަނަ ސާކް ސަމިޓް އައްޑޫގައި ބާއްވަން އޭރުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ އައްޑޫއަށް ބޮޑު ތަރައްޤީއަށް ގެނެސްދިނުމަށެވެ. ކައުންސިލް އިންތިހާބާއި، މަޖިލިސް އިންތިހާބްގައި ރައީސެއްގެ ހައިސިއްޔަތުން ކުރެއްވި ވައުދުތައް ހަގީގަތަކަށް ހަދައި ދިނުމަށެވެ. ޕޮރޮޖެކްޓް އިއްލާން ކޮށް އައްޑޫ ސިޓީ ކައުންސިލާއި، ހައުސިން މިނިސްޓްރީ އާއި، އެމްއެންޑީއެފް ހިމެނޭ ޓާސްކް ފޯހެއް އުފައްދަވާ މަސައްކަތް ފެއްޓެވިއެވެ.
މި ޕޮރޮޖެކްޓްގެ ތެރެއިން ހާއްސަކޮށް ކައުންސިލަށް ގާނޫނުން ލާޒިމް ކުރި މުނިސިޕަލް ހިދްމަތް ދިނުމަށް އެކަމާއި ހަވާލު ކުރި ސަދަން ޔޫޓީލިޓީ އާއި ގުޅިގެން މަަސައްކަތް ކުރެވޭނެ މާހައުލެއް ނަޝީދު އުފައްދަވާ ދެއްވިއެވެ.
ނަމަވެސް ހަގީގަތަކީ ސައްތައިން ސައްތަ އެމްޑީޕީ ކައުންސިލަކަށް ހެނދުނު ހޭނުލެވެއެވެ. ބައްދަލުވުމަކަށް ހާޒިރެއް ނުވެވުނެވެ. ވާނުވާ އެނގޭ ވަރެއް ނުވެއެވެ. ފެންނަ ފެނުމުގައި ހީވަނީ ކައުންސިލަރުންނަށް "ހެޔޮވަރު ނޫން" ހެދުމެއް އަޅައިގެން އުޅެނީ ހެންނެވެ. އަލަށް އެއްޗެއް ފެންނަ ބަޔަކަށްވާ ހެން ކައުންސިލަރުން ބެލީ ކައުންސިލް އިދާރާގެ ވެހިކަލް ތަކުން ފިނި ބުރު ޖެހުމެވެ. ވެހިކަލް ނުލިބިގެން އެއް ކައުންސިލަރު އަނެއް ކައުންސިލަރާއި ޒުވާބު ކުރީއެވެ.
މިގޮތަށް ކަންކަން ކުރަން ފެށުމުން ސާކް ސަމިޓް އައްޑޫގައި ނުބޭއްވޭނެކަމަށް ގަބޫލް ކުރެވެން ފެށިއެވެ. މަގު ހަދަމުން ދިޔަ އެސްޔޫއެލް ކުންފުންޏާއި ކައުންސިލާއި ގުޅުމެއް ނޯވެއެވެ. އެހެންވެ އެމަސައްކަތް ދާ ގޮތް ކައުންސިލުން ބަލާކަށް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން ރައީސް ނަޝީދުއަށް މަޖްބޫރުވީ ސާކް ސަމިޓްގެ ތައްޔާރީތައް ހިގަމުންދާ ގޮތް އަމިއްލަ ލޮލުން ބަލައި އެމަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާށެވެ.
ނަޝީދު އައްޑޫއަށް ވަޑައިގެން ކައުންސިލަރުންނާއި ބައްދަލުކޮށް މިކަންކަން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެން ކައުންސިލާއި ގުޅިގެން މަސައްކަތް ކުރެއްވުމަށް ވަރަށް ބޮޑަށް ބެއްލެވިއެވެ. އެކަމަކު އެކަމަށް މާބޮޑު ކުރިއެރުމެއް ލިބިވަޑައި ނުގަތެވެ.
ސާކް ސަމިޓާއި އެކު އައްޑޫއަށް އައި ތަރައްޤީގެ ބައެއްކަންކަން ސަމިޓަށް ފަހަށް ކުރަން ފަސްކުރި ނަމަވެސް އެކަމަކަށް ކައުންސިލަކުން އަޅާލެވިފައި ނުވެއެވެ
މިސާލަކަށް އީސީސީ ސަރަހައްދާއި ހިތަދޫގެ ބޮޑުމަގުގެ އެތަން މިތަނަށް އުކާލާފައި ހުރި ގަސްވަށިތައް ފުދެއެވެ. އެއިން ގަސްމުށްޓެއްގައި އެންމެ ގަހެއް ކައުންސިލަކަށް މިހާތަނަށް އިންދިފައި ނުވެއެވެ.
އޭގެ ފަހުން ނަޝީދު ވެރިކަން ނިމުމާއި ގުޅިގެން ކައުންސިލުން ނިންމީ ވަހީދުގެ ސަރުކާރު ބަލައި ނުގަތުމަށެވެ. ފެބްރުއަރީ 8 ވަނަ ދުވަހުގެ ހެނދުނު ކައުންސިލްގެ ކުއްލި ބައްދަލުވުމަކުން ވަހީދުގެ ސަރުކާރު ބަލައި ނުގަތުމަށް ނިންމިއެވެ. އެކަމަކު ވަހީދުގެ ސަރުކާރުން ކައުންސިލާއި ގުޅިގެން ކުރިން ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަން މަސައްކަތް ކުރިއެވެ. ކައުންސިލަކުން އެކަމަކަށް އެއްވެސް އެއްބާރު ލުމެއް ނުދިނެވެ.
ވަހީދުގެ ސަރުކާރުން ފެށި ގަން އިންޓަނޭޝަނަލް އެއާޕޯޓް ބޮޑު ކުރުމުގެ މަޝްރޫއު ކައުންސިލުން ބޮއިކަޓް ކުރިއެވެ. އެކަމަކަށް ކައުންސިލަކުން އަޅާލާކަށް ބޭނުމެއް ނުވިއެވެ. އެފަދަ އައްޑޫގެ ތަރައްޤީއާއި ގުޅިފައިވާ ކަންކަމަށް ކައުންސިލުން ދިނީ ބީރު ކަންފަތެވެ. މިކަހަލަ އެތައް ކަމެއް ހިމެނިދާނެއެވެ.
އަދުގެ ހާލަތު
މިއަދު އެއްކަލަ ކައުންސިލަރުން ދެވަނަ ފަހަރަށް ކުރިމަތިލައިގެން މިދައްކަނީ އަދި މާ މަޖާ ވާހަކައެކެވެ. ކައުންސިލް އޮންނާން ވާނީ ސަރުކާރާއި ދެކޮޅު ކައުންސިލެއް ކަމަށެވެ. އެނޫން ގޮތަކަށް އައްޑޫއަށް ތަރައްޤީ ނުކުރެވޭނެކަމަށެވެ.
އެކަމަކު ކުރިމަތިލާ ދާއިރާގެ ތަރައްޤީއަށް ކޮށްދެވުނު އެއްވެސް ކަމެއްގެ ވާހަކަ ދެއްކޭކަށް ނެތެވެ. އެއީ ކުރެވުނު ކަމެއް ނެތީމައެވެ. އެކަމަކު ފާއިތުވި 3 އަހަރަކީ ކައުންސިލަރުންނަށް ވަރަށް ފާގަތި 3 އަހަރަކަށް ވަނީ ވެފައެވެ.
އެހެންވެ މީ "ކައުންސިލަރުންގެ ކަށި"ދެވަނަ ފަހަރަށް އަމިއްލަ ގަޔަށް ހެރިޔަ ނުދޭން ލިބޭ ވަރަށް މުހިއްމު ފުރުސަތެކެވެ. ޒިއްމާ ހަވާލުވެ ފެއިލްވެފައިވާ ބަޔަކަށް އަލުން ފުރުސަތު ދިނުމުގެ ވަކި ބޭނުމަކީ ކޮބާހެއްޔެވެ؟
އޭގެ ބަދަލުގައި ބަލަންވީ ގާބިލް ކަމަށް އެކަށޭނބެ ބަޔަކު މަގާމުތަކަށް ހޮވުމަށެވެ. ޕާޓީ އާއި ކުލަޔަށް ބަަލައިގެން ތަރައްޤީ ގެނެވޭ ނަމަ މިހާރު އޮތް ކައުންސިލުން އެކަން ކުރެވުނީހެވެ.