ސައުތް އޭޝިއާ ސަރަހައްދުގައި ޗައިނާއަށް އެންމެ ބޮޑަށް ދަރާފައިވާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ވޯލްޑް ބޭންކުން ނެރުނު "އިންޓަނޭޝަނަލް ޑެޓް ސްޓެޓިސްޓިކްސް 2022" ގައެވެ.
އެ ރިޕޯޓްގައި ބުނެފައިވާގޮތުގައި، ކުދި އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް އެންމެ ބޮޑަށް ފައިސާ ދޫކުރާ ގައުމެއްގެ ގޮތުގައި ޗައިނާ ފާހަގަކުރެވެއެވެ. އަދި ގިނަ ގައުމުތަކުން ޗައިނާއަތުން ލޯނަށް ފައިސާ ނަގަނީ އުމްރާނީ ތަރައްޤީއަށްކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެއެވެ.
ރިޕޯޓްގައި ބުނެފައިވާގޮތުން ކުދި އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ޗައިނާއިން ދޫކޮށްފައިވާ ލޯނު 2011 ވަނަ އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ވަނީ ތިން ގުނަ އިތުރުވެފައެވެ. އެގޮތުން 2020 ވަނަ އަހަރު ނިމުނު އިރު އެފަދަ ގައުމުތަކަށް ޗައިނާއިން ލޯނުގެ ގޮތުގައި 170 ބިލިއަން ޑޮލަރު ދޫކޮށްފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
ދުނިޔޭގެ ދަރަނީގެ ހާލަތާ ގުޅޭ ރިޕޯޓްގައި، ސައުތް އޭޝިއާ ގައުމުތަކުގެ ތެރެއިން ޗައިނާއަށް އެންމެބޮޑަށް ދަރާފައިވާ ގައުމުތަކުގެ ތެރޭގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖެ، ޕާކިސްތާން އަދި ސްރީލަންކާއެވެ. ރިޕޯޓްގައި ބުނެފައިވާގޮތުން ސައުތް އޭޝިއާ ސަރަހައްދުގައި 2011 ވަނަ އަހަރު ޗައިނާގެ ދަރަނި 4.7 ބިލިއަން ޑޮލަރުގައި ހުރިއިރު، 2020 ވަނަ އަހަރު ނިމުނުއިރު އެ އަދަދު ވަނީ 36.3 ބިލިއަން ޑޮލަރަށް އުފުލިފައެވެ.
މީގެއިތުރުން އެފްރިކާ ބައްރުގެ ގައުމެއްކަމަށްވާ އަންގޯލާގައިވެސް، އަދި އެސަރަހައްދުގެ އިތުރު ބައެއް ގައުމުތަކުގައިވެސް ޗައިނާގެ ދަރަނި ބޮޑުތަނުން އިތުރުވަމުން އަންނަކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މިސަރަހައްދުގައި ޗައިނާއަށް އެންމެ ބޮޑަށް ދަރާފައިވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިފައިވާއިރު، ރާއްޖެއިން ޗައިނާއަތުން އެންމެބޮޑަށް ލޯނު ނަގާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެގޮތުން ރާއްޖޭގެ އުމްރާނީ އެކި މަސައްކަތްތަކަށް އޭރު ޗައިނާ އަތުން ގިނަ ލޯނުތަކެއް ނަގާފައިވެއެވެ. އަދި އެއީ ދަރަނީގެ ދަންތުރައެއް ކަމަށާއި، އެ ލޯނުތައް ރީސްޓްރަކްޗަރ ކުރުމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންނަނީ ގޮވާލަމުންނެވެ.