Last Updated: June 23, 17:36
Tuesday, June 23, 2026
ދުނިޔެ

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެފައިވާ ނަޖީބްގެ ޕާސްޕޯޓް ވަގުތީގޮތުން ދޫކޮށް ފުރުމުގެ ހުއްދަ ދީފި

ނަޖީބް ރައްޒާގް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން--

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް އިއްވާފައިވާ މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ރައްޒާގްގެ ޕާސްޕޯޓް ދޫކޮށް ފުރުމުގެ ހުއްދަ ދީފިއެވެ.

މެލޭޝިއާގެ އިސްތިއުނާފީ ކޯޓުން ވަގުތީގޮތުން ނަޖީބް ރައްޒާގްގެ ޕާސްޕޯޓް ދޫކޮށްފައިވަނީ، އެފަދަ އަމުރެއް ނެރެދިނުމަށް އޭނާގެ ފަރާތުން އެދުމުންނެވެ. އެފަދަ އަމުރެއް ނެރެދިނުމަށް އެދިފައިވަނީ ނަޖީބަށް ކާފަ ވިދާޅުވާ ބޭފުޅަކު ލިބިވަޑައިގަންނަވާތީ ސިންގަޕޫރަށް ދަތުރުކުރުމަށް ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އެގޮތުން ނަޖީބް ރައްޒާގްގެ ޕާސްޕޯޓް ދޫކޮށްފައިވަނީ އޮކްޓޫބަރު 20 ވަނަ ދުވަހުން ނޮވެމްބަރު 22 ވަނަ ދުވަހުގެ ނިޔަލަށް ސިންގަޕޫރަށް ދަތުރުކުރުމަށެވެ.

މީގެއިތުރުން ކޮރަޕްޝަންގެ ދައުވާތަކެއް އުފުލާފައިވާ ނަޖީބް ރައްޒާގް އަނބިކަނބަލުންނަށްވެސް ދަތުރުކުރުމުގެ ހުއްދަދީ ޕާސްޕޯޓް ދޫކޮށްފައިވާކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަޖީބް ރައްޒާގް މިވަގުތު ހުރީ "ބެއިލް ޕެންޑިން އެޕީލް"ގެ ދަށުން ޖަލުން ސަލާމަތްވެފައެވެ. 2018 ގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެ، އޭނާގެ މައްޗަށް ބެލުނު މައްސަލަތަކަށްފަހު ޖަލު ހުކުމެއް އިއްވާފައިވާއިރު ނަޖީބް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި އޭނާގެ މައްޗަށް އިއްވާފައިވަނީ ސިޔާސީ ހުކުމެއްކަމަށްވެސް ބުނެފައިވެއެވެ.

މެލޭޝިޔާގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތްކަމަށް ބުނާ މި މައްސަލައިގައި ނަޖީބް ރައްޒާގްގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައިވެ އެވެ. އަދި ކޯޓުން ކަނޑައަޅާފައިވަނީ އެ ހަތް ދައުވާވެސް ނަޖީބް ރައްޒާގްގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ނަޖީބް ރައްޒާގްގެ މައްޗަށް ދައުވާ ކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ 4.5 ބިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގެ ތެރެއިން 10 މިލިއަން ޑޮލަރުގެ މައްސަައެއްގައެވެ. މީގެ އިތުރުންވެސް އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް ކޮށްފައިވެ އެވެ.