Last Updated: April 19, 21:23
Friday, April 19, 2024
ޚަބަރު

ފުލުހުންގެ ހިދުމަތާ ގުޅިގެން ޖަވާބުދާރީވާނެ ވަޒީރަކު ހުންނާނެ ކަމަށް ގާނޫނުގައިބުނޭ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު--

ފުލުހުންގެ އިދާރާ ގުޅިގެން ޖަވާބުދާރީވާނެ ވަޒީރަކު ހުންނަންޖެހޭ ކަމަށް ޤާނޫނުގައި ބަޔާންކުރާ ކަމަށާއި، އެ ވަޒީރެއްގެ މަސައްކަތަކަށް މިހާރު ވާނީ ސިޔާސަތު ކަނޑައެޅުމުގެ ކަންކަން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކޮށްފައިވާކަމަށް ބުނާ ސިޓީއެއް ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނައިރު މިއަދު މަޖިލީހުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އާދަމް ޝަރީފްގެ ވާހަކަތަކާގުޅިގެން މަޖިލީހުގެ ރައީސް ނަޝީދު ވަނީ އެކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތް ހާމަކުރައްވާފައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ޤާނޫނުއަސާސީގެ 242 ވަނަ މާއްދާގައި، ސަލާމަތީ ކޮންމެ ޚިދުމަތެއްމެ ހިންގާންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ކަމަށާއި، އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވާން ވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

ކުރީގެ ފުލުހުންގެ ޤާނޫނުގައި އެ އެ އިދާރާ ހިންގާނީ ހޯމް މިނިސްޓްރީންގެ ދަށުން ބަޔާންކޮށްފައިވާކަމަށެވެ. އަދި މިފަހުން ފާސްކުރި ފުލުހުންގެ ޤާނޫނަށް އަލިއަޅުވާލާ ރައީސް ނަޝީދު ވިދާޅުވީ، އެ ޤާނޫނުގައި ފުލުހުންގެ ހިދުމަތާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނޭ ވަޒީރަކު ހުންނަންވާނޭ ކަމަށް ބަޔާންކުރާކަމަށެވެ. އެ ވަޒީރެއްގެ މައްސޫލިޔަތުގެ ގޮތުގައިވާ ކަންކަންވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވާކަމަށާއި، އެ ތަފްސީލުތަކަށް ބެލުމުން ވަޒީރަށް ހަވާލުކޮށްފައިވާ މަސައްކަތްތަކަކީ ސިޔާސަތު ކަނޑައެޅުމުގެ މަސައްކަތްތައް ކަން އިނގޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ ހިދުމަތް ވަކިކޮށްފައިވާއިރު އެކަމުގައި ބައެއް ފަރާތްތަކުން އަންނަނީ ޤާނޫނީ ފުށުއެރުންތަކެއް ހުރިކަމަށް ބުނަމުންނެވެ. ފުލުހުންގެ އާ ޤާނޫނުގައި މިހާރު ބުނެފައިވަނީ، ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ ސަރުކާރުގެ ފަރާތުން އުފުލާ އެންމެ އިސްފަރާތަކީ ވަޒީރު ކަމަށާއި ފުލުހުންގެ ޚިދުމަތާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބު ދާރީވާނީ ވަޒީރު ކަމަށެވެ. އެހެންނަމަވެސް އެއީ ސީދާ ހޯމް މިނިސްޓަރު ކަމަށް ޤާނޫނުގައި ބުނެފައެއް ނުވެއެވެ.