މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވޭ މީހުން ދޫވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށްބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. އާދަމް ޝަރީފް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ތަޙުޤީޤީ މަރުހަލާއާއި އަދި ކޯޓު މަރުހަލާއިން މިނިވަންވެ، މުޖްތަމަޢުގެ ތެރެއަށް ދޫވެ ފިޔަވަޅެއް ނޭޅޭކަމަށެވެ
މީގެއިތުރުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ ބައެއް ފަރާތްތައް ރާއްޖެއިން ބޭރަށް ފުރައިގެންދާއިރުވެސް އެއްވެސް ފިޔަވަޅެއް ނާޅާތީއާއި އެފަދަ ފަރާތްތަކުން ދުނިޔޭގެ މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވަރކްތަކާ ގުޅިގެން ބޮޑެތި އަދަދުތަކުން ދިވެހިރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކުރާ މިންވަރު އިތުރުވެ، މަސްތުވާ ތަކެތީގެ ހަބަކަށް ދިވެހިރާއްޖެ ބަދަލުވެފައިވާ ކަމަށްވެސް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ، މަސްތުވާ ތަކެތި އެތެރެކުރާ މީހުންނާމެދު ފިޔަވަޅު ނާޅާތީއާއި އެފަދަ ފަރާތްތައް ކޯޓު މަރުހަލާއިން ދޫވާ މައްސަލަ އިސްތިއުނާފު ނުކުރާތީއާއި، މަސްތުވާ ތަކެތި ބޭނުންކުރާ މީހުން ކަންބޮޑުވާ މިންވަރަށް އިތުރުވެ، މަގުމަތީގައި ހިނގާބިނގާވެ އުޅުމަށް ބިރުގަންނަ މިންވަރަށް މަގުތަކާއި ގޯޅިތަކުގައި މަސްތުވާ ތަކެތި ބޭނުންކޮށްގެން އުޅޭ މީހުން ގިނަވެ، ޒުވާން ޖީލުތައް ހަލާކުވެ، އިޖުތިމާޢީ މައްސަލަތައް ގިނަވެ، މުޖްތަމަޢުގެ ތެރޭގައި ބިރުވެރިކަން އުފެދިފައިވާކަމަށެވެ.
އަދި ރާއްޖޭގައި މަސްތުވާ ތަކެތި އެތެރެކޮށް ވިއްކަމުންދަނީ، މުޅި ދައުލަތް ބައިވެރިވެގެން ހިންގާ ސްޓޭޓް ސްޕޮންސިރަޑް ވިޔަފާރިއެއްގެގޮތުގައި ކަމަށް ބެލެވޭ މިންވަރަށް ކަމަށްވާތީއާއި، މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ މީހުން ފާޅުކަން ބޮޑުގޮތެއްގައި ދޫވަމުންދާތީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލަ ހުށަހަޅާ ކަމަށެވެ.