ރާއްޖެ މަސްތުވާތަކެތީގެ ހާއްޔަކަށް ހެދުމަށް އިދިކޮޅުން ވަރަށް ބޮޑަށް ބޭނުންވާކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން ދޫވާކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި، އެހެންނަމަވެސް މައްސަލަ ހުށަހެޅުއްވި މެމްބަރު މި މައްސަލަ ހުށަހެޅުއްވި އިހުލާސްތެރިކަމާ މެދު ސުވާލުއުފެދޭކަމަށެވެ.
"އަޅުގަނޑަށް އެނގިހުރި މި ދަންނަވަނީ، މި ދެންނެވޭ އެއްޗެއް އަޅުގަނޑަށް އެބަ އެނގޭ. މިދިވެހިރާއްޖެ މަސްތުވާތަކެތީގެ ހާއްޔަކަށް ހަދަން އޮޕޮޒިޝަނުން ވަރަށް ބޭނުންވޭ." ޝިފާއު ވިދާޅުވިއެވެ.
އެކަމަށް ބާރުލިބިދޭ ހެކިތައް ހުރިކަން ފާހަގަކޮށް ޝިފާއު ވިދާޅުވީ، ރައީސް ނަޝިދު ވެރިކަމުގައި ހުންނެވިއިރު މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް ވަރަށް މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް ފެބްރުއަރީ 7 ގެ ބަޣާވާތަށްފަހު މަސްތުވާތަކެތިން މުޖުތަމައު ސަލާމަތްކުރުމަށް ފެށިފައިހުރި މަސައްކަތްތައް ހުއްޓުވާލި ކަމަށެވެ.
ޝިފާއު ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުން ރާއްޖެ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް އޭރުވެސް ބޮޑެތި އެހީތައް ލިބެމުންދިޔަ ކަމަށާއި، އެހެންމަމަވެސް އޭރުގެ ސަރުކާރުގެ ސަގާފަތާ އެއްގޮތަށް އެކަމުންވެސް ވައްކަން ކުރަމުން ދިޔައީ ކަމަށެވެ. ޝިފާއު ވިދާޅުވީ އާދަމް ޝަރީފް ޑިފެންސް މިނިސްޓަރަކަށް ހުންނެވިއިރުވެސް ރާއްޖެއަށް ޓަނުން ޓަނުން މަސްތުވާތަކެތި އެތެރެކުރަމުން ދިޔަކަމަށާއި، އެހެންނަމަވެސް އޭރުއެކަން ކުރަމުން ދިޔައީ ކުރީ ސަރުކާރުގެ އެހީތެރިކަމާ އެކު ކަމަށް ޝިފާއު ތުހުމަތު ކުރެއްވިއެވެ.