Last Updated: June 23, 17:36
Tuesday, June 23, 2026
ޚަބަރު

މަސްތުވާތަކެތި ޓްރެފިކްކުރާ މީހުން ދޫކުރަމުންދިޔައީ މިދިޔަ ސަރުކާރުން: ސަލީމް

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް--

މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންނަށް މާފުދީ ދޫކުރަމުންދިޔައީ މިދިޔަ ސަރުކާރުންކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން ދޫވާކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އާދަމް ޝަރީފް ކުއްލި މައްސަލަ ހުށަހަޅުއްވާ ދެއްކެވި ވާހަކަތަކަކީ އިއްޔަގެ ހަގީގަތް އޮޅުވާލުމަށް ދައްކަވާ ވާހަކަތަކެއްކަމަށާއި، އެވާހަކަތައް އަޑުއަހަންއިނީ ހައިރާންކަމާ އެކުކަމަށެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވި މީގެކުރިން ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުމަކީ މާފުދެވޭ ކުށެއް ނޫންކަމަށާއި، އެހެންނަމަވެސް ޤާނޫނަށް ބަދަލުގެނެސް މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންނަށް ކްލެމެންސީ ދެވޭގޮތަށް ޤާނޫނު އިސްލާހުކުރީ ކުރީގެ ސަރުކާރުގައި ކަމަށެވެ. އަދި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ ޖަލުހުކުމެއް ތަންފިޒުކުރަމުން ދިޔަ މީހަކަށް ކްލެމެންސީ ދެއްވީ އޭރުގެ ރައިސް ޔާމީން ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅިވީ މައްސަލަ ހުށަހަޅުއްވާ ކަންބޮޑުވުން ފާޅުކުރަނީ މިއަދު ރާއްޖޭގައި މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު އިތުރުވުމުން ކަމަށެވެ.

އެގޮތުން މިސަރުކާރުން 2018 ވަނަ އަހަރު 9 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްކަމަށާއި، 2019 ވަނަ އަހަރާއި ހަމައަށް 284 ކިލޯ އަތުލައިގަތް ކަމަށާއި، އަދި 2020 ވަނަ އަހަރު 372 ކިލޯ އަދި މިއަހަރުގެ މިހާތަނަށް 213 ކިލޯގެ މަސްތުވާތަކެތިވަނީ އަތުލައިގަނެފައިވާކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ މިހާރު މިހާބައިވަރު މަސްތުވާތަކެތި އަތުލައިގަނެވެނީ އެކަމަށް ފާރަވެރިވެވޭތީ ކަމަށެވެ.