Last Updated: June 23, 17:36
Tuesday, June 23, 2026
ޚަބަރު

100 ކިލޯ ޑްރަގްސް މައްސަލަ: ކޯޓުން ދޫކޮށްލި ދެ މީހުންގެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފި

ފުލުހުން އަތުލައިގަނެފައިވާ 100 ކިލޯގެ މަސްތުވާތަކެތި--

100 ކިލޯ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ފުލުހުން ހައްޔަރުކުރި 10 މީހުންގެ ތެރެއިން ދެ މީހުން ދޫކޮށްލުމަށް ކޯޓުން ނިންމި މައްސަލަ އިސްތިއުނާފު ނުކުރަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

އެ ކަން ހާމަށްކޮ ޕީޖީން ބުނެފައިވަނި އެ ނިންމުން ނިންމާފައިވަނީ ހައިކޯޓު މަރުޙަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެތީއާއި، ދަށުކޯޓަށް ހުށަހެޅުނު ހެކި ޤަރީނާގެ މައްޗަށް ބަލައި ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފު ކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެކަމަށް ނުފެންނާތީ ކަމަށެވެ.

އަދި މި ދެމީހުންގެ މައްޗަށް އިތުރު ހެކި ޤަރީނާ ހޯދިއްޖެނަމަ ހައްޔަރުކުރުމުގެ އައު އަމުރަކަށް އެދި ދަށުކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެތީކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.

100 ކިލޯ ޑްރަގްސް އަތުލައިގަތް މައްސަައިގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން ދެ މީހަކު ކޯޓުން ދޫކޮށްލިއިރު އަނެއް އަށް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް ތިން މީހެއްގެ ބަންދަށް 10 ދުވަސް އަދި އެކަކަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި މިހާރު ބަންދުގައި ތިބީ، ދޭލިޔާގެ / ގއ. ދެއްވަދޫ މިދުހަތު އިބްރާހިމް، ބީޗްހެވެން / ނ. ވެލިދޫ ޖުމާން މުސްތަފާ، ސޯސަންގެ / ގއ. ކޮލަމާފުށި އިބްރާހިމް ޒައިދު ހަބީބް، ޖަނަވަރީމާގެ / ލ. ކަލައިދޫ މުހައްމަދު އަހުމަދު، ޝިއާފުރެންޑް / ހދ. މަކުނުދޫ އިބްރާހިމް ސިނާނު، ޕޮލަރިސް / ދ. ބަނޑިދު މުހައްމަދު ހުސައިން، އެމްޑީ ރަފީޤުލް އިސްލާމް އަދި ޑީއެމް މޮބިންއެވެ.

މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.