Last Updated: June 23, 17:36
Tuesday, June 23, 2026
ޚަބަރު

މަޖިލީހުގެ ގޭޓުމަތިން މެމްބަރުން ބޭރުކުރި މައްސަލަ ބެލުމަށް ގޮވާލައިފި

މެމްބަރު ރޮޒައިނާ އާދަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަޖިލީހުގައި ތިބި މެމްބަރުން މަޖިލީހުގެ ގޭޓުމަތިން ބޭރުކުރި މައްސަލަ ބެލުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ގޮވާލައްވައިފިއެވެ.

މަސްތުވާތަކެތީގެ ބޮޑުން ދޫކުރާކަމަށްބުނެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން ރޮޒައިނާ ވަނީ މަސްތުވާތަކެތީގެ މައްސަލައާއި އެހެންވެސް މައްސަލަތަކުގައި ކުރީ ސަރުކާރުން އަމަލުކޮށްފައިވާގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ، މިއަދު މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވި އާދަމް ޝަރީފް ޑިފެންސް މިނިސްޓަރުކަމުގައި ހުންނަވައިގެން، އޭރުގެ މެމްބަރުން މަޖިލީހަށް ވަނަނުދީ އަދި މަޖިލީހުގެ ގޭޓުމަތިން މަޖިލީހުގެ މެންބަރުން "އުކި"ދުވަހުގެ ވާހަކަތައް ހަނދުމަކޮށްލުން ރަނގަޅުވާނެކަމަށެވެ. އަދި ކުރީ ސަރުކާރުން ކުރަމުންދިޔަ ކަންކަމުގައި މަޖިލީހުގެ ތެރެއިން މަސައްކަތްނުކުރެވުނީ އެކަންކަމަށްވެސް ހުރަސް އެޅުމުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު ގޮވާލަން، މި މައްސަލައަކީ މިއަދު މަޖިލީހުން ބަލަންޖެހޭ މައްސަލައެއް. މަޖިލީހަށް މެމްބަރުންނަށް ވަދެވުނަނުދީ ސިފައިން ފޮނުވައިގެން، މިމަޖިލީހުގެ ގޭޓުމަތިން މަޖިލިސް މެމްބަރުން އުކި މައްސަލައަކީ ނުބަލާ ދޫކޮށްލެވޭނެ މައްސަލައެއްނޫން." ރޮޒައިނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ކުލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް މަޖިލިސް ބަންދުކޮށްފައި ވަނިކޮށް އޭރުގެ އިދިކޮޅު މެމްބަރުން މަޖިލީހަށް ވަނުމުން އެސްއޯ ފުލުހުންނާއި ސިފައިން މަޖިލީހުގެ ތެރެއަށްވައްދާ މަޖިލީހުގެ ތެރޭގައި ޕެޕާސްޕްރޭޖަހާ އެ މެމްބަރުން ގަދަކަމުން މަޖިލީހުން ނެރެފައިވެއެވެ. އަދި އެދުވަސްވަރު އެގޮތަށް އެކި ފަހަރުމަތިން މަޖިލީހުގެ މެމްބަރުން މަޖިލީހުން ބޭރަށް ނެރެފައިވެއެވެ.