Last Updated: June 23, 17:36
Tuesday, June 23, 2026
ޚަބަރު

2015 ވަނަ އަހަރު ސީއެމްބިއުލަންސްގެ ގޮތުގައި ހަވާލުކުރީ ބާވެފައިވާ އުޅަނދުތަކެއް: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ - ފޮޓޯ: އެމްއެންޑީއެފް

ސީއެމްބިއުލަންސްގެ ހިދުމަތް ފެށުމަށް 2015 ވަނަ އަހަރު އެމްއެންޑިއެފްއާ ހަވާލުކުރި އުޅަނދުތަކަކީ ގިނަދުވަސްވެ ހާލަތު ދަށްވެފައިހުރި އުޅަނދުތަކެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިފަދައިން ވިދާޅުވެފައިވަނީ، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އއ. އަތޮޅު ހޮސްޕިޓަލްގެ ސީއެމްބިއުލަންސް ބޭނުންނުކުރެވޭ ވަރަށް ބާވެފައިވާތީ، އާ ސީއެމްބިއުލެންސެއް ލިބޭނެ ތާރީހެއް ސާފުކުރުމަށް ފޮނުވި ސުވާލުގެ ޖަވާބުގައެވެ.

އެގޮތުން މިނިސްޓަރު މާރިޔާ މަޖިލީހަށް ލިޔުމުން ފޮނުވި ޖަވާބުގައި ވިދާޅުވެފައިވަނީ، ސީ އެމްބިއުލާންސްގެ ހިދުމަތަކީ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ އަސާސީ ހިދުމަތަކަށްވާއިރު، އެ ހިދުމަތް އެވަގުތަކު ފޯރުކޮށްދެވެން އޮތް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭތޯ އެމްއެންޑީއެފްއިން އަބަދުވެސް މަސައްކަތް ކުރާކަމަށެވެ. ނަމަވެސް ހިދުމަތް ސިފައިން މިހާރުވެސް ފޯރުކޮށްދެމުން ގެންދަނީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކުގައިކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

އެގޮތުން ސީއެމްއެބިއުލާންސްގެ ހިދުމަތް ފެށުމަށްޓަކައި 2015 ވަނަ އަހަރު އެމްއެންޑިއެފްއާ ހަވާލުކުރި އުޅަނދުތަކަކީ ގިނަ ދުވަސްވެ ހާލަތު ދަށްވެފައިވާ އުޅަންދުތަކެއްކަމަށެވެ.

މުޅި ސީއެމްބިއުލާންސް ފްލީޓަށް ބަލާއިރު މިހާރުވެސް ގްރައުންޑް ކުރެވިފައިވާ މިންވަރު އިތުރުވުމަކީ، ހާލަތު ދަށްވުމުގެ ސަބަބުން ވަރަށް ކައިރި ކުރިމަގުގައި ދޫކޮށްލަންޖެހޭނެކަމަށް ލަފާކުރެވޭ އުޅަންދުތައް ގިނަ ނަމަވެސް، ބަޖެޓްގެ ދަތިކަމުގެ ސަބަބުން އެތަކެތި ދޫކޮށްލެވެން ނެތްކަމަށެވެ. އަދި ސީއެމްބިއުލާންސްތައް މަރާމާތު ކުރުމަށާއި، ބާވެ ހާލަތު ދަށްވެފައިވާ އުޅަނދުތައް ބަދަލުކުރުމަށް އެކަށޭނެ މިންވަރަށް ބަޖެޓެއް ލިބިފަިއނުވާކަމަށްވެސް މިނިސްޓަރު މާރިޔާގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.