Last Updated: July 21, 18:02
Tuesday, July 21, 2026
ކުޅިވަރު

ލިވަޕޫލުން އެތުލެޓިކޯ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލުން 3-2 އިން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފިއެވެ.

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ 13 މިނިޓް ތެރޭ ލިވަޕޫލުން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ.

މެޗުގެ އަށް ވަނަ މިނެޓްގައި އެތްލެޓިކޯގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ކުރިއަށް ފޮނުވާލި ބޯޅަައަކުން މުހައްމަދު ސަލާހު ލިވަޕޫލަށް ލީޑު ނަގައިދިންއިރު މެޗުގެ 13 ވަނަ މިނިޓްގައި އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ނަބީ ކެއިޓާއެވެ. ކެއިޓާ މި ގޯލު ކާމިޔާބުކުރީ އެތްލެޓިކޯގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

އެތުލެޓިކޯ އަށް މެޗުގެ 20 އާއި 34 ވަނަ މިނިޓްގައި ގޯލުތައް ޖަހައިދީ އެންޓޮއިން ގްރީޒްމަން ވަނީ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ނަމަވެސް އެތްލެޓިކޯ އަށް މައްސަލަތަކެއް ދިމާވީ މެޗުގެ 52 ވަނަ މިނެޓްގައި ގްރިޒްމަން އަށް ދެއްކި ރަތްކާޑާ ގުޅިގެންނެވެ. ގްރިޒްމަން އަށް ރަތްކާޑު ދެއްކީ މަތިން އައި ބޯޅައިގައި ޖަހަން އުޅުމުގެ ތެރޭގައި އޭނާގެ ފައިން ލިވަޕޫލްގެ ރޮބާޓޯ ފަމީނޯގެ ބޮލުގައި ޖެހުމާ ގުޅިގެންނެވެ.

10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އެތްލެޓިކޯގެ މައްޗަށް ލިވަޕޫލުން ކުރި ހޯދި ގޯލު މެޗުގެ 78 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ސަލާހެވެ. މިއީ ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ އަށް އެތުލެޓިކޯގެ މާރިއޯ ހާމޯސޯ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.

މި މޮޅާއެކު ގްރޫޕް ބީގެ އެއް ވަނައިގައި ލިވަޕޫލް އޮތީ ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް އެތުލެޓިކޯ އާއި ތިން ވަނައިގައި އޮތް ޕޯޓޯ އަށް ތިން މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ އޭސީ މިލާނެވެ.