Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ދުނިޔޭގައި ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭ: ޝާހިދު

ދުނިޔޭގައި ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭ ކަމަށް އދ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ 4 ވަނަ ގްލޯބަލް ވޯޓަރ އޮޕަރޭޓަރސް ޕާޓްނަރޝިޕްސް ކޮންގްރެސްގައި ތަޤްރީރުކުރައްވަމުންނެވެ.

އެގޮތުން ޝާހިދު ވިދާޅުވީ، ފެނަކީ ދިރުން ކަމަށާއި އަދި އެކަށީގެންވާ ސާފު ބޯފެނާއި ސާފުތާހިރުކަން ލިބުމަކީ އިންސާނީ އަސާސީ ހައްގެއް ކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، 450 މިލިއަން ކުޑަކުދިން ހިމެނޭގޮތަށް، 1.42 ބިލިއަނަށް ވުރެ ގިނަ މީހުން، ދިރިއުޅެމުންދަނީ އެކަށީގެންވާ ގޮތެއްގައި ފެން ނުލިބި ކަމަށެވެ.

"މާނައަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކަށް އެކުދިންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭ." އދ އާންމު މަޖިލީހުގެ ރައީސް ޝާހިދު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ފެނާ ގުޅުން ހުރި ނުރައްކާތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު ގެދޮރުދޫކޮށް އެހެން ހިސާބުތަކަށް ހިގުރަކުރަން ޖެހިފައިވާކަންވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

ފެނުގެ ދަތިކަން ހުރި ގޭބިސީތަކުގެ 80 އިންސައްތަ ގޭބިސީގައި ފެން ނެގުމުގެ ޒިންމާ އުފުލަންޖެހޭ ބަޔަކީ އަންހެނުންނާއި އަންހެން ކުދިންކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ، މީގެ ސަބަބުން ގިނަ ފަހަރަށް ދިގު ދަތުރުތައް ކުރުމާއި ބަރުކޮށް އެއްޗެހި އުފުލުމާއި އަދި ބައެއް ހާލަތްތަކުގައި އަނިޔާގެ ނުރައްކާ އެމީހުންނަށް ކުރިމަތިވާކަމަށެވެ. މިކަމަށް ހޭދަވާ ވަގުތުގެ ސަބަބުން އަންހެން ކުދިން ތައުލީމުން މަހުރޫމުވެ، އާމްދަނީ ހޯދުމުގެ ފުރުސަތުތައް އަންހެނުންނަށް މަދުވެގެންދާކަމަށެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނާއި އަންހެން ކުދިން ކޮންމެ ދުވަހަކު 200 މިލިއަން ގަޑިއިރު ފެން ނެގުމުގައި ހޭދަކުރާ ކަމަށް ރިޕޯޓުތައް ބުނޭ. އެއްވެސް ހަމައެއްގައި މިކަމެއް ރަނގަޅެއް ނޫން. މިކަންކަމުން އަރައިގަންނަން މަސައްކަތްކުރަން އަޅުގަނޑުމެން އެބަޖެހޭ."

ޝާހިދު ދެއްކެވި ވާހަކަފުޅުގައި ފެނާއި ނަރުދަމާއާ ގުޅުންހުރި އިންފްރާސްޓްރަކްޗަރ އަދި ޚިދުމަތްތައް ބަލަހައްޓައި ތަރައްޤީކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުރިހާ ފަންތިއެއްގައި މަލްޓި-ސްޓޭކްހޯލްޑަރުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ފެނަކީ ހުރިހާ އެންމެންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވެފައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލު ކުރުމާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، ފެނުގެ މައްސަލަތަކަށް ހައްލުތަކެއް ނުގެނެސް ތައުލީމަށާއި ވަޒީފާއަށާއި ސިއްހީ ހިދުމަތަށް، ނުވަތަ ތިމާވެށްޓަށް އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.