Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ޕީޖީގެ އުންސުރު ހަމަނުވަނީ ނޫންކަމެއްވެސް ނޭންގެ: އަފީފް

ވެންޓިލޭޓަރު މައްސަލައިގައި ދައުވާނުކޮށް ލަސްވަމުންދާތީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް، ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ އޮޑިޓަރ ޖެެނެރަލްގެ އޮފީހުން ތައްޔާރުކުރާ އޮޑިޓް ރިޕޯތްތަކުގައި ފާހަގަކުރާ ކަންކަމާ އެއްގޮތަށް އަމަލުކުރަމުން ނުދާކަމަށެވެ.

އެގޮތުން ވެންޓިލޭޓަރުގެ މައްސަލަ ފާހަގަކޮށް އަފީފް ވިދާޅުވީ، ދުބާއީގެ ކުންފުންޏަށް 30 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދިނީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަން އޮޑިޓުން ޔަގީންވާއިރުވެސް އެކަމުގައި ދައުވާ ނުކުރެވޭކަމަށެވެ.

"ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލަކަށް އޭގައި އުންސުރު ހަމައެއްނުވި. ދެން، އަޅުގަނޑަކަށް ނޭނގޭ ޕްރޮސެކިއުޓާ ޖެނެރަލްގެ އުންސުރު ހަމަނުވަނީ ކަމެއް، މި ދަންނަވާ ރިޕޯޓްގެ އުންސުރު ހަމަނުވަނީ ކަމެއް." އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ މިފަދަ ކަންކަމަކީ ވަރަށް ރަނގަޅަށް ބަލަހައްޓަންޖެހޭ ކަންކަން ކަމަށާއި، މިނިވަން މުއައްސަަސާއެއްކަމުގައި ވީނަމަވެސް ކަން ކުރަންޖެހޭނީ ހިތުހުރިގޮތަށް ނޫންކަމަށެވެ. ކަންކަން ކުރަންޖެހޭނީ ޤާނޫނީ އެއްގޮތަށް ކަމަށާއި، ޤާނޫނާ އެއްގޮތަށް ކަންކަން ނުކުރާނަމަ އެކަން ބެލުމުގެ ބާރުވެސް އޮތީ މަޖިލީހުގައިކަން އަފީފް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެފަދަ ކަންކަން މަޖިލީހުން ބަލާ އިސްލާހު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެކަމަށެވެ.

ވެންޓިލޭޓަރު މައްސަލައިގައި އެންމެ ފަހުން ޕީޖީން ބުނެފައިވަނީ އެ މައްސަލައިގައި އާކަންތައްތަކެއް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ޕީޖީން އެންމެ ފަހުން އޭސީސީއަށް އަންގާފައިވަނީ ވެންޓިލޭޓަރުތައް ގެންނަން ދެއްކި ފައިސާ ދައުރުވި ގޮތް ބެލުމަށާއި އެޓާނީ ޖެނެރަލްގެ ލަފައާ ހިލާފަށް ހިންގާފައިވާ ކަންކަމަށް ތަހުގީގުގައި ފޯކަސް ކުރުމަށެވެ.

ޕީޖީގެ އާ ރެކޮމެންޓޭޝަންތަކާ ގުޅިގެން އޭސީސީން މައްސަލަ ތަހުގީގު ކުރަމުން އަންނަކަން އެ ކޮމިޝަނުން ހާމަކޮށްފައިވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ. އަދި މިހާތަނަށް އައިއިރުވެސް އެ މައްސަލައިގެ ތަހުގީގު އޭސީސީން ނިމިފައިނުވެއެވެ.

ވެންޓިލޭޓަރު މައްސަލައާ ގުޅޭގޮތުން އޮގަސްޓްމަހު "އައްޑޫލައިވް"އިން ސުވާލު ކުރުމުން އޭސީސީގެ އޮފިޝަލް ވިދާޅުވީ ޕީޖީން ފުރިހަމަ ކުރުމަށް އަންގާފައިވާ ކަންކަން ފުރިހަމަ ކުރުމާއި ގާތަށް ގޮސްފައިވާކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން މައްސަލަ އަވަހަށް ނިންމުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް ވަރަށް އަވަހަށް މައްސަލައިގެ ތަހުގީގު ނިންނާ ޕީޖީއަށް ފޮނުވޭނެކަމަށް ވިދާޅުވިއެވެ.

ޕީޖީ ހުސައިން ޝަމީމް–

ވެންޓިލޭޓަރު މައްސަލައިގައި ގޮތެއް ނުނިންމި ދިގު މުއްދަތެއް!

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އިން 2020 ވަނަ އަހަރުގެ ދެ ވަނަ ކުއާޓާގައި ކޮށްފައިވާ ހަރަދުތައް އޮޑިޓް ކުރުމަށް ފަހު އޮޑިޓާ ޖެނެރަލް އޮފީހުން ނެެރެފައިވާ ކޮވިޑް-19 ކޮމްޕްލަޔަންސް ރިޕޯޓްގައިވާ ގޮތުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އާ އެކު ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރެވެ. އެ އައިސީޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ އެކު އެއްބަސްވެފައިވާ އަގު ކަމުގައިވާ ވެންޓިލޭޓަރަކަށް 501،150 ރުފިޔާ އަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ދިވެހި ބައެއް ކުންފުނިތަކާއި އެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކުރެ އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން ވެންޓިލޭޓަރު ގަތުމަށް، ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅިއިރު، ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ވެސް ފާހަގަކޮށްފަ އެވެ. އަދި ޕާފޯމަންސް އާއި އެޑްވާންސް ޕޭމަންޓް ގެރެންޓީ ބަލަހައްޓާފައި ނުވުމާއި، ބިޑް ކޮމިޓީން ގަތުމަށް ނިންމި ބްރޭންޑް ނޫން އެހެން ބްރޭންޑެއްގެ ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ހިމަނާފައި ވުމާއި، އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 އިންސައްތައަށް ވާ ފައިސާ ދައްކާފައިވާކަން ރިޕޯޓްގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން ހެލްތު މިނިސްޓްރީ އިން ފިނޭންސް މިނިސްޓްރީ އަށް ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ވެންޓިލޭޓަރު ލިބިފައިނުވާކަމަށެވެ.

މިކަމުގައި އޭސީސީން ފުރަތަމަ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އޭރުގެ ހެލްތް މިނިސްތަރު އަބްދުﷲ އަމީން، ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު، ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު، ހެލްތް މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ، ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރު އާމިނަތު ޝައުފާ، ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީގެ މެމްބަރު ފާތިމަތު ލިމްޔާ، ހެލްތް މިނިސްޓްރީގެ ފައިނޭންސް އެގްޒެކްޓިވް އަހުމަދު އަސްލަމް، ހެލްތް މިނިސްޓްރީގެ ލީގަލް އޮފިސަރު އަލީ ޝިހާމް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޘް، ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް އަދި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ޝަރީފް ގެ މައްޗަށެވެ. އެހެންނަމަވެސް އޭސީސީން ފޮނުވި މައްސަލައިގައި އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް ނިންމެނީ މައްސަލައިގައި ދައުވާ ނުކުރުމަށެވެ.

އެކަމުގައި ރައްޔިތުންގެ މަޖިލީހުން ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ އަލުން ރިވިއުކޮށްދިނުމަށް ޕީޖީގެ އަރިހުން އެދުމުން ނިންމެވީ މައްސަލައިގައި ރިވިއުކުރާނެ ތަނެއް ނެތްކަމަށެވެ. ޕީޖީގެ މި ނިންމުމާއެކު ގިނަބައެއްގެ ފާޑުކިޔުން ޕީޖީއަށް އަމާޒުވެ މަޖިލީހުގެ ފިއްތުންތައް އިތުރުވުމުން ޕީޖީވަނީ މައްސަލަ އޭސީސީއަށް ފޮނުވާ އަލުން ވަކިކަންތައްތަކެއް ބެލުމަށް ތަހުގީގު ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މިހާރު އޭސީސީން ބަލަމުން އަންނަނީ މި ކަންތައްތަކެވެ.