ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ، 06 މޭ 2021 ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ މައްސަލާގައި އިތުރު ބައެއްގެ މައްޗަށް ދަޢުވާކުރުމަށް 19 އޮކްޓޫބަރު 2021 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާކަމަށެވެ.
އެގޮތުން ދައުވާ ކޮށްފައިވަނީ ހއ. މޮޅަދޫ / ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ. ހޯރަފުށި / އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްޗަށެވެ.
އެމީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 1-16 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.
އރައީސް ނަޝީދުގެ މައްސަލައިގައި މިހާތަނަށް ދައުވާކޮށްފައިވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމް، ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީ، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޡިމް އަދި މ. ކުދެހިގެ، އިސްޙާޤުގެ މައްޗަށެވެ.
ފަހުމީ އަލީގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. މުޙައްމަދު ނާޡިމްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެވެ. އަދި އިސްޙާޤުގެ މައްޗަށް ކޮށްފައިވަނީ ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މޭ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމާލާއާއި ގުޅިގެން ފުލުހުން ތުހުމަތު ކުރާ ގޮތުގައި ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ މުހައްމަދު ތަސްލީމްއާއި އިސްހާޤްއާއި އަލީ ހައިޝަމްކަމަށެވެ.
އިސްހާޤަކީ މި ހަމަލާ ރާވާ ހިންގުމުގައި އިސްދައުރެއް އަދާކޮށްފައިވާ މީހެއްކަމަށާއި ހަމަލާއަށް އަދުހަމް ރަޝީދު ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީވެސް އިސްޙާގުކަމަށްވެސް ބުނެފައިވެއެވެ.
މުޙައްމަދު ތަސްލީމްއަކީ ރައީސް ނަޝީދަކީ އިސްލާމްދީނުން ބޭރުވެ މުރުތައްދުވެފައިވާ މީހެއްކަމަށް ކަނޑައަޅައި ރައީސް ނަޝީދަކީ މަރާލަން ޖެހޭ މީހެއްކަމަށް ބުނެ އެކަމަށް ވަކާލާތުކޮށް ހަރުކަށި ފިކުރަށް އެމީހުން ވައްދައި، ސެލްއެއްގެ ގޮތުގައި އޮޕަރޭޓްކުރަންވީ ގޮތް ކިޔާދީ އެކަމާ ބެހޭ ވީޑިއޯއާއި ފޮތްތައް މީހުންނަށް ދީފައިވާ މީހާކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން އަދުހަމް ވަނީ ދައުވާތަކަށް އިއުތިރާފްވެ 23 އަހަރުގެ ޖަލުހުކުމަކަށް އިއުތިރާފްވެފައެވެ. އަދުހަމްގެ މައްޗަށް ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމާއި ތޫހުނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.
މުޖާޒުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ އުފުލާފައިވާއިރު ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވިކަން ސާބިތުވެއްޖެ ނަމަ 17-20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަދި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ 9 މަހާއި 18 ދުވަހުގެ ހުކުމެއް އަންނާނެއެވެ.
މީގެ އިތުރުން ތަހުމީންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ ކޮށްފައެވެ. މީގެތެރެއިން ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުވެއްޖެނަމަ 17-20 އަހަރާ ދެމެދުގެ ޖަލުހުކުމެއް، އަދި ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ ސާބިތު ވެއްޖެނަމަ 12-15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ހައިޝަމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާއިރު އެކަންކަން ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ގާތްގަނޑަކަށް 35 އަހަރުގެ ހުކުމެއް އަންނާނެއެވެ.