Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ފާރުފުށީގައި ޤަވައިދާ ހިލާފަށް މަސައްކަތް ކުރުމާއި ގުޅިގެން 275،000ރ އިން ޖުރިމަނާކޮށްފި

ފާރުފުށި ރިސޯޓު--

ރ. ފާރުފުށީގައި ޤަވާއިދާ ހިލާފަށް މަސައްކަތް ކުރުމާއި ގުޅިގެން ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް 275،000 ރުފިޔާއިން ޖުރިމަނާ ކޮށްފިއެވެ.

އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރ.ފާރުފުށީގައި ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫއުއަށް ހުށަހަޅާފައިވާ ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާއި ހިލާފަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދުގެ 16 ވަނަ މާއްދާގެ ދަށުން އަދި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޖުމްލަ 275،000 ރުފިޔާއިން ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވަނީ 20 އޮކްޓޯބަރު 2021 ގައި ޖޫރިމަނާކޮށްފައިވާކަމަށެވެ.

މިޖޫރިމަނާ ފައިސާ މިއެޖެންސީއަށް 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެފަރާތަށް އަންގާފައިވާކަމަށްވެސް އީޕީއެއިން ބުނެފައިވެއެވެ.

ފާރުފުށި ރިސޯޓު ހުޅުވީ 2019 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެ ރިސޯޓަކީ ލަގްޒަރީ ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީކުރި ރިސޯޓެކެވެ.

މިރިސޯޓަކީ ނުހަނުފަހުން ވިއްކާލުމަށް ނިންމާ އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބަލަން އިއުލާން ކޮށްފައި އޮތް ރިސޯޓެކެވެ. ޖުމްލަ 80 ކޮޓަރީގެ ލަގްޒަރީ މި ރިސޯޓަކީ ޔުނިވާސަލް ރިސޯޓްސް ހިންގާ އެމްޔޫ އުމަރު މަނިކު ހިއްސާވާ ފާރުފުށި އިންވެސްޓްމެންޓްސް ކުންފުނިން ހިންގާ ރިސޯޓެކެވެ.