ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އއ. ރަސްދޫއަށް ވަޑައިގެންފިއެވެ.
އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ސޯލިހް ރަސްދޫއަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނު މިއަދު ފުރަތަމަ ވަޑައިގެންފައިވަނީ އއ. ތޮއްޑޫއަށެވެ.
In Rasdhoo Island of North Ari Atoll, President @ibusolih will meet the atoll and island councils, WDC members, inspect coastal protection work, visit the atoll hospital and meet the residents. pic.twitter.com/ztn4TVxFG5
— Mabrook Azeez (@MvSpokesperson) October 20, 2021
އެގޮތުން ތޮއްޑޫ ދަނޑުވެރިންނާއި ގެސްޓްހައުސްތަކުގެ ވެރިންނާ ރައީސް ސޯލިހް ބައްދަލުކުރައްވާ އެބޭފުޅުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ކަންކަން ސާފުކުރެއްވިއެވެ. އެގޮތުން ދަނޑުވެރިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސް ސޯލިހް ވަނީ ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވާ ސަރުކާރުން ކުރިންވެސް ދަނޑުވެރިކަމަށް ރާއްޖެ އެތެރެކުރާ ބައެއްތަކެތީގެ ޑިއުޓީކަނޑާލި ނަމަވެސް އޭގެ މާ ބޮޑު ފައިދާއެއް ސީދާ ދަނޑުވެރިންނަށް ނުކުރާކަން ފާހަގަވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެގްރޯނެޓް ނުވަތަ އެސްޓީއޯއިން މިތަކެތި ޑިއުޓީއަކާނުލާ އެތެރެކޮށްގެން ހެޔޮއަގުގައި ސީދާ ދަނޑުވެރިންނަށް ލިބޭނެގޮތް ފަހިކުރުމުގެ ވިސްނުން ގެންގުޅުއްވާކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ތޮއްޑޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާ އެކު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ކައުންސިލުންވަނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސް އާ ހިއްސާކޮށްފައެވެ. އެގޮތުން ކައުންސިލުން ވަނީ މަގު ހެދުމަށް ބޭނުންވާކަމަށާއި، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަމަށާއި، ބަނދަރުގެ އެކްސްޓެންޝަން މަސައްކަތާއި ދޭތެރޭ ހުރި ހުށަހެޅުންތަކާއި، ސްކޫލަށް ބޭނުންވާ އިތުރު ކަންކަމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަން ހިމެނޭހެން ރަށުގެ ތަރައްޤީއާ ގުޅޭ ކަންކަން ފާހަގަކުރައްވާއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާފައި ކަމަށާއި، ރަށުގެ ޞިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމަށް އައިޖީއެމްއެޗްގެ އައުޓްރީޗް ޕްރޮގްރާމް މެދުވެރިކޮަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ދިނުމަށް މަސައްކަތްކުރާކަމުގައި ވިދާޅުވެފައެވެ.
މި ދަތުރުފުޅުގައި ރައީސް ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ އަދި ހިމަންދު އަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.