Last Updated: June 22, 16:46
Monday, June 22, 2026
ޚަބަރު

ތައިލެންޑުގައި ފެންބޮޑުވެއްޖެ

ދެކުނުއިރުމަތީ އޭޝިއާގެ ގައުމެއް ކަމަށްވާ ތައިލެންޑުގައި ފެންބޮޑުވެއްޖެއެވެ.

ތައިލެންޑުގެ އިރުއުތުރާއި މެދުގައި ފެންބޮޑުވެ، ބޮޑު ކާރިސާއަކާ ކުރިމަތި ވެފައިވާއިރު، އިދާރާތަކުން އަންނަނީ ފެން ހިންދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ތައިލެންޑުގެ ކޯރަކަށް ފެން އެޅޭނެހެން އިދާރާތަކުން މަސައްކަތްކުރަމުން އަންނައިރު، އެ ކޯރު ބަންޑުން ޖެހިދާނެކަމުގެ ބިރުވެސް އެބައޮތެވެ.

މި އަހަރުގެ މިހައިތަނަށް 38000 ގެއަކަށް ފެން ބޮޑުވުމުގެ ސަބަބުން އަސަރުކޮށްފައިވާއިރު، ދޮންވެލި ބަސްތާތައް ޖެހުމަށް އާންމުންނަށް އިދާރާތަކުން ވަނީ އަންގާފައެވެ. މީގެ އިތުރުން، މިފަދަ ކާރިސާއެއްގައި މީހުން ސަލާމަތްކުރުމަށް ޚާއްސަ ޕްލޭނެއްވެސް އެގައުމުގެ އިދާރާތަކުން ވަނީ ފަރުމާކޮށްފައެވެ.

ތޫފާން ޑިއަންމޫގެ އިތުރުން މޫސުމީ ވިއްސާރައާ ގުޅިގެން ބޮޑު ކާރިސާއެއް ތައިލެންޑާ ކުރިމަތިވެފައިވާއިރު، އެ ގައުމުގެ ވެރިރަށް ބެންކޮކު އަދި އޮތީ ސަލާމަތުގެ އައްސޭރިއެއްގައެވެ.