ޗެމްޕިއަންސް ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލުން 3-2 އިން އެޓަލަންޓާ އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެޓަލާންޓާ އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. މި ދެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާރިއޯ ޕަސަލިޗް އާއި މެރީހް ޑެމިރާލް އެވެ. ފުރަތަމަ ހާފްގައި ނަތީޖާގެ ފަރަގު ކުޑަކޮށްލަން ފްރެޑާއި މާކަސް ރަޝްފޯޑަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ.
ދެވަނަ ހާފްގައި ޔުނައިޓެޑްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 53 ވަނަ މިނެޓްގައި ރަޝްފޯޑް ވަނީ އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ. އޭގެ އިރުކޮޅެއްފަހުން ޔުނައިޓެޑްގެ މެކްޓޮމިނޭ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް އެޓަލާންޓާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 75 ވަނަ މިނިޓްގައި އޭރިއާތެރޭގައި ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުން ކެޕްޓަން ހެރީ މެގުއާ އެެވެ. އޭގެ އިރުކޮޅެއްފަހުން އެޓަލާންޓާގެ ޑުވާން ޒަޕާޓާ އާއި ރުސްލާން މަލިނޯވްސްކީ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ ވަނީ ދިފާއުކޮށްފައެވެ.
ޔުނައިޓެޑް މި މެޗުން މޮޅުވި ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 81 ވަނަ މިނެޓްގައެވެ. އެގޮތުން ލޫކް ޝޯ ނަގައިދިން ހުރަހެއް ބޮލުން ކުރިއަށް ފޮނުވާލައިގެން ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.
މި މޮޅާ އެކު ޔުނައިޓެޑް މިހާރު ވަނީ ހަ ޕޮއިންޓާ އެކު ގްރޫޕް އެފްގެ އެއްވަނަ އަށް އަރާފައެވެ. ދެވަނައިގައި އޮތް އެޓަލަންޓާ އާއި ތިން ވަނައިގައި އޮތް ވިޔަރެއާލަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މި ގްރޫޕްގެ ފުލުގައި އޮތް ޔަންްގް ބޯއީސް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޗެލްސީން ވަނީ ސްވިޑެންގެ މަލްމޯގެ މައްޗަށް 4-0 އިން ކުރި ހޯދާފައެވެ. ބާސާ އިން 1-0 އިން ޑައިނަމޯ ކިއެވްގެ މައްޗަށް ކުރި ހޯދިއިރު ބަޔާން މިއުނިކުން ވަނީ 4-0 އިން ބެންފީކާ ބަލިކޮށްފައެވެ. އަދި ޔުވެންޓަސް އިން ވަނީ ޒެނިތްގެ މައްޗަށް 1-0 އިން ކުރި ހޯދާފައެވެ.