Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ސަރުކާާރާ ކައުންސިލާ ގުޅުން ރަނގަޅުވުމުން މަޝްރޫއުތައް އަވަހަށް ނިންމަން މަގުފަހިވޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ސަރުކާާރާ ކައުންސިލާ އޮންނަ ގުޅުން ރަނގަޅުވުމުން މަޝްރޫއުތައް އަވަހަށް ނިންމަން މަގުފަހިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ އއ. އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އުކުޅަހު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލުންވަނީ ރަށް ބެލެހެއްޓުމުގެ ކަންކަން ކައުންސިލަށް އޮންނަ އިރު އިދާރީ ކަންކަން ބެލެހެއްޓުމުގައި ދިމާވާ މާލީ ގޮންޖެހުންތައް ވަރަށް ގިނަކަމަށެވެ. އަދި ރަށުގެ އާބާދީގެ އިތުރުން ރަށަކީ ފަތުވެރިން އަންނަ ރަށަކަށްވުމުން ޚިދުމަތް ދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވެފައި ވުމާއެކު، އެކަންކަން ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ލުއި ގޮތްތަކެއް ހޯދުން މުހިންމުކަމަށެވެ.

މީގެއިތުރުން ރަށަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސްގެ ވަކި މިންވަރެއް ކައުންސިލަށް ދިނުމަށް ފަހު މިފަދަ ޚިދުމަތްތައް ދިނުމުގައި ބޭނުން ކުރެވޭނެ ގޮތެއް ފަހިކޮށްދިނުމަކީ މިކަމަށް އޮތް ޙައްލެއްކަމުގައި ދެކޭކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން އުކުޅަހުގައި ހިންގުމަށް ރާވާފައިވާ ބައެއް މަޝްރޫޢުތަކުގެ މަޢޫލޫމާތު ކައުންސިލާ ހިއްސާކުރައްވާފައެވެ. އަދި، ގްރީން ޓެކްސް ދިނުމުގައި ރަށްރަށަށް ވަކި އިންސައްތައެއް ދީގެން މަސަކަތްކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމަށާ، ކައުންސިލުން ހުށަހެޅި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރެއްޗުމަށްފަހު ރަނގަޅުގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވިއެވެ.