Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އައްމަޓީ ބަންދުން ދޫކުރުމުގައި ޖާމިނުކުރި ގޮތާމެދު ޕީޖީގެ ނުރުހުން

އަޑުއެހުމުގެ ތެރެއިން, މުހައްމަދު އަހުމަދު މޫސާ (އައްމަޓީ)-

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅެނިކޮށް ރާއްޖެއިން ބޭރުން ހައްޔަރުކޮށް ގެނެސްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ)ގެ ދައްތަ އަދި ކޮއްކޮ ޖާމިނުކޮށް ކަފާލާތުގެ ދަށުން ދޫކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައިފިއެވެ.

އެ މައްސަލަ އަންނަ ހަފްތާގައި އިސްތިއުނާފުކުރާނެކަމަށް ޕީޖީ އޮފީހުން ބުނެފައިވާއިރު އަންމަޓީ ދޫކުރުމުގައި މައްސަލަ ބެއްލެވި ގާޒީ ކަންކޮށްފައިވާ ގޮތާމެދު ޕީޖީ ހުސައިން ޝަމީމް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

އެގޮތުން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤާނޫނުގައި، ކަފާލާތުގައި ދޫކުރާއިރު ޖާމިނުކުރާނެ ވަކި ގޮތެއް އޮއްވާ، އެނޫން ގޮތްގޮތަށް މައްސަލަ ނިންމުމުން ޖެހޭނީ ހައިކޯޓަށް ދާންކަމަށެވެ.

"ދަށުކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭކަމަކަށްވެއްޖެއެވެ." ޕީޖީ ޝަމީމް ކުރައްވާފައިވާ ޓްވީޓްގައިވެއެވެ.

ޝަމީމް ވިދާޅުވީ ޖާމިނު ވުމުގެ މަފްހޫމް ފަނޑިޔާރަށް ކިޔައިދެވޭތޯ، ތަފާތު ދެ މައްސަލައެއްގައި ލައްކަ މަސައްކަތް ކުރެވިއްޖެ ކަމަށާއި އަދި އެކަން ކާމިޔާބުވާގޮތް ނުވާކަމަށެވެ. އަދި އެކަން ކުރަންޖެހޭގޮތް ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

އައްމަޓީ ބަންދުން ދޫކުރުމަށް އޭނާގެ ދައްތަ އަދި ކޮއްކޮ ޖާމިނުކޮށްފައިވާއިރު އެ ދެމީހުންވެސް ވަނީ އަންމަޓީ ފިލައިގެން ނުދާނެކަމުގެ ޔަޤީންކަންދީ، ޖާމިނުވުމަށް ހަދާފައިވާ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ކަފާލާތުގެ ދަށުން އަންމަޓީ ދޫކުރުމަސް ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި، ރަސްމީ ކޮންމެ ދުވަހަކު 9:00 އަށް ފުލުހަށް ހާޒިރުވެ ސޮއިކުރުމާއި، މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ހެއްކަކާ އެއްވެސް ގޮތަކުން މުޢާމަލާތް ނުކުރުމާއި، ޝަރީޢަތަށް އެއްބާރުލުންދީ އަޑުއެހުންތަކަށް ހާޒިރުވުމުގެ އިތުރުން ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ދަތުރުކުރުން މަނާކޮށްފައިވެއެވެ.