Last Updated: June 23, 14:00
Tuesday, June 23, 2026
ދުނިޔެ

އަފްޣާން ސެންޓްރަލް ބޭންކްގެ ރިޒާވް ބޭނުންކުރުމުގެ ހުއްދަ ތާލިބާނުންނަށް ނުދޭނަން: އެމެރިކާ

އެމެރިކާގައި ބޮޑުބައެއްހުރި އަފްޣާނިސްތާންގެ ސެންޓްރަލް ބޭންކްގެ ރިޒާވް ބޭނުންކުރުމުގެ ފުރުސަތު ތާލިބާނުންނަށް ދޭނެ އެއްވެސް ހާލަތެއް އޮތްކަމަށް ނުދެކޭކަމަށް އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީގެ ނައިބު ވަލީ އަޑެއިމޯ ވިދާޅުވެއްޖެއެވެ.

ތާލިބާނުން ވަނީ އެމެރިކާގައި ހުރި އަފްޣާނިސްތާނުގެ ސެކްޓްރަލް ބޭންކްގެ ރިޒާވްގެ 9 ބިލިއަން ޑޮލަރު ބޭނުންކުރުން މަނާކުރުމުގެ ބްލޮކް އުވާލުމަށް ގޮވާލާފައެވެ. ތާލިބާނުން މިގޮތަށް ގޮވާލާފައިވަނީ އަފްޣާންގެ ވެރިކަމާ ހަވާލުވިފަހުން ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށެވެ.

ސެނެޓްގެ ބޭންކިން ކޮމިޓީއަށް އަޑައިމޯ ވާހަކަދައްކަވަމުން ވިދާޅުވީ، ތާލިބާނުންނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ދެކޭކަމަށާއި، އެހެންނަމަވެސް ހަމަ އެއާއިއެކު އަފްޣާނިސްތާނުގެ ރައްޔިތުންނާ ހަމައަށް އިންސާނީ އެހީ ގެނެވޭނެ ސައްޚަ ގޮތްތައް ހޯދަންޖެހޭކަމަށެވެ. އަދި އެކަންކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން އަލުން ހޯދާފައިވަނީ އެމެރިކާ ސިފައިން އެގައުމުން ފައިބަން ފެށުމުންނެވެ. ތާލިބާނުން އަފްޣާނިސްތާނުގެ އެކި ހިސާބުތަކަށް ވެރިވެގަންނަމުންގޮތް އެންމެފަހުން ވެރިކަންކުރާ ސިޓީ އަށް ވަދެގަތުމުން އެގައުމުގެ އޭރުގެ ރައީސް ވަނީ ގައުމު ދޫކޮށް ފިލާފައެވެ.

މިފަހުން ތާލިބާނުންވަނީ އދ. ގެ އާންމު މަޖިލީހުގައި ވާހަކަ ދެއްކުމުގެ ފުރުސަތަކަށްވެސް އެދިފައެވެ. ތާލިބާނުން މިކަމަށް އެދިފައިވަނީ އެ ޖަމާއަތުން އެކުލަވާލި ވަގުތު ސަރުކާރުގައި ހިމެނޭ ފޮރިން މިނިސްޓަރު އ.ދ އަށް ފޮނުވި ސިޓީއެއްގައެވެ. އަދި ތާލިބާނުން ވަނީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އެ ޖަމާއަތުގެ އޮފީހުގެ ތަރުޖަމާނު ސުހައިލް އަމީން އ.ދ ގައި އަފްޣާން ތަމްސީލުކުރާ މަންދޫބަކަށް ހަމަޖައްސާކަންވެސް ހާމަކޮށްފައެވެ.

އަފްޣާނިސްތާނަށް ވެރިވެގަނެފައިވާ ތާލިބާނުން އެމީހުންގެ ވަގުތީ ސަރުކާރެއް އެކުލަވާލާފައިވާއިރު، އިޒްރޭލް ނޫން އެހެން ހުރިހާ ގައުމަކާއި ވެސް ގުޅުން ބާއްވަން ބޭނުންވާކަން ވެސް ހާމަކޮށްފައިވެއެވެ. ތާލިބާނުން ވެރިކަމާ ހަވާލުވިފަހުން އެގައުމުގެ އިގްތިސާދީ ހާލަތު ދަށްވެފައިވާއިރު އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ބިރުއޮތްކަން ބައިނަލްއަޤްވާމީ އިދާރާތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކުން އަންނަނީ ފާހަގަަކުރަމުންވެ.