Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ބަންގްލަދޭޝް ދައުލަތަކީ ސެކިއުލާ ދައުލަތެއްގެ ގޮތުގައި ކަނޑައަޅަނީ

ބަންގްލަދޭޝްއަކީ ސެކިއުލަރ ގައުމެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރ ފޮރ އިންފޮމޭޝަން ވިދާޅުވީ، ބަންގްލަދޭޝަކީ އިސްލާމީ ދައުލަތެއް ނޫންކަމަށެވެ. އަދި 1972 ވަނަ އަހަރު ބޭނުންކުރި ސެކިއުލަރ ގާނޫނުއަސާސީއަށް އަލުން ރުޖޫޢަވާން މަޖިލީހުގައި އެދޭނެކަމަށެވެ. މި މޭރުމުން ސްޓޭޓް މިނިސްޓަރު ވާހަކަފުޅުދައްކަވާފައިވަނީ ބަންގްލަދޭޝްގައި ދިރިއުޅޭ ހިންދޫ ދީނުގެ މީހުންނާ ދެކޮޅަށް ލާއިންސާނީ ޢަމަލުތައް ހިންގަމުން އަންނަ ދުވަސްވަރެއްގައެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ބަންގްލަދޭޝަކީ އިސްލާމީ ދައުލަތެއް ކަމަކަށް. ޝެއިޚް ހަސީނާގެ ވެރިކަމުގައި އަޅުގަނޑުމެންގެ ދައުލަތް ސެކިއުލާރ ކުރާނަން" އެ ގައުމުގެ ސްޓޭޓް އިންފޮމޭޝަން މިނިސްޓަރު މުރާދު ޙަސަން ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ 1972 ވަނަ އަހަރުގެ ގާނޫނުއަސާސީއަށް މީގެ ކުރިން ގެނެވުނު އިސްލާހުގައި ގާނޫނުއަސާސީގެ ފުރަތަމަ ޖުމުލައަކަށް ބިސްމީގެ ކަލިމަ އިތުރުކުރެވުނެވެ. އަދި އޭގެ ކުރިން ގެނެވުނު އިސްލާހެއްގައި އެ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ލިޔެވުނެވެ. ނަމަވެސް މިކަމަށް ނިމުމެއް ގެނެސް، ބަންގްލަދޭޝް އުފެދިގެން އެންމެ ފުރަތަމަ ވުޖޫދަށް ނެރުނު ސެކިއުލާ ގާނޫނުއަސާސީއަށް ރުޖޫޢަވާން އެ ގައުމުގެ މަޖިލީހުން ފުރިހަމަ މެޖޯރިޓީ ދޭނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ބަންގްލަދޭޝްގައި ދީނުގެ ނަމުގައި ބައިބައިވުން އުފައްދާކަމަށް ތުހުމަތުކޮށް ސްޓޭޓް މިނިސްޓަރު މުރާދު އިތުރަށް ވިދާޅުވީ، އޭނަ އެކަނި ހުރެގެންވެސް މަޖިލީހުގައި އެ ގައުމުގެ ހިންދޫންގެ ހައްގުގައި ވަކާލާތު ކުރައްވާނެކަމަށެވެ. އަދި އެ ގައުމު މިނިވަންކުރުމުގައި ހުރިހާ ދީނެއްގެ މީހުންވެސް ހިމެނޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.