Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ކުރީ ސަރުކާރުން ކަނޑައެޅި އަގުގައި ހިޔާ ފްލެޓް ދިންނަމަ ކޮންމެ ޔުނިޓަކުން 1.1 މިލިއަން ރ ގެއްލުންވާނެ

ހިޔާ ފްލެޓް-- ފޮޓޯ: މިހާރު

ކުރީ ސަރުކާރުން ކަނޑައެޅި އަގުގައި ހިޔާ ފްލެޓްތައް ދޫކުރިނަމަ ކޮންމެ ޔުނިޓަކުން 1.1 މިލިއަން ރުފިޔާގެ ގެއްލުންވާނެކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

މިކަން ހާމަވެފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި ހިންގި 7,000 ސޯޝަލް ހައުސިންގ ޔުނިޓު މަޝްރޫޢުގެ ހައުސިންގ ޔުނިޓަކަށް ޖެހޭ ޖުމްލަ އަގާއި މަހުން މަހަށް ދައްކަންޖެހޭ އަދަދު ހިސާބުކޮށް ކަނޑައަޅާފައިވާގޮތް ރިވިއު ކޮށްދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އިން އެދުމުން ތައްޔާރު ކޮށްފައިވާ އޮޑިޓް ރިޕޯޓުގައެވެ.

އެގޮތުން އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަންޖެހޭ ކަމަށް 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ (މެއިންޓަނެންސް ޚަރަދުގެ ގޮތުގައި 1,000 ރުފިޔާ ހިމަނާއިގެން) 6,600 ރުފިޔާއަކީ، އީ.އެމް.އައި މެތަޑާ އެއްގޮތަށް ހަދާފައިވާ ހިސާބެއް ނޫންކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން، މި އަދަދަކީ މަޝްރޫޢު ހިންގަން ނެގި ލޯނުތަކާއި، ރީފައިނޭންސިންގ އަށް ނެގި ލޯނުތަކަށް ދައްކާ އިންޓަރެސްޓާއި ލޯނު އަނބުރާ ދެއްކުމަށް ދާނެ ކޭޝް ފްލޯއަށް ރިއާޔަތް ކޮށް ކަނޑައެޅިފައިވާ އަދަދެއް ނޫންކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ވާގޮތުން 2018 ވަނަ އަހަރު ހައުސިން މިނިސްޓްރީން ތައްޔާރުކޮށްފައިވާ ހިސާބުގައި 20 އަހަރުގެ މުއްދަތަށް، މަހަކަށް 6,600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކުމުން، ޔުނިޓަކަށް ފައިނޭންސް ކޮސްޓްގެ ގޮތުގައި ނެގިގެންދާނީ 99,647 ރުފިޔާކަމަށާއި ނަމަވެސް، އީ.އެމް.އައި މެތަޑަށް ހިސާބު ހަދައިފިނަމަ، ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1,254,879 ރުފިޔާ ޖެހޭނެ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

"މީގެ މާނައަކީ، މަހަކަށް 6,600 (ހަ ހާސް ހަ ސަތޭކަ) ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކައިފިނަމަ، ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1,155,231 (އެއް މިލިއަން އެއް ލައްކަ ފަންސާސް ފަސް ހާސް ދުއި ސައްތަ ތިރީސް އެކެއް) ރުފިޔާގެ ގެއްލުންވުމެވެ." އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަންޖެހޭ ކަމަށް 2021 ވަނަ އަހަރު އެޗް.ޑީ.ސީ އިން ހުށަހަޅާފައިވާ (މެއިންޓަނެންސް ޚަރަދުގެ ގޮތުގައި 1,000 ރުފިޔާ ހިމަނާއިގެން) 11,000 ރުފިޔާއަކީ، %8 ގެ އިންޓަރެސްޓާއިއެކު 20 އަހަރުގެ ރީޕޭމަންޓް މުއްދަތަކަށް ބިނާކޮށް، އީކުއޭޓެޑް މަންތްލީ އިންސްޓޯލްމަންޓް (އީ.އެމް.އައި) މެތަޑް ބޭނުންކޮށްގެން ހިސާބުކޮށްފައިވާ އަދަދެއްކަމަށާއި، ޔުނިޓަކަށް މަހަކަށް ދައްކަންޖެހޭ އަދަދު ހިސާބުކުރުމަށް، އެޗް.ޑީ.ސީ އިން ގެންގުޅެފައިވާ އީ.އެމް.އައި މެތަޑަކީ، މިފަދަ ހައުސިންގ މަޝްރޫޢުތަކުގެ ޔުނިޓުތައް ވިއްކާނެ އަގު ކަނޑައެޅުމަށް އާންމުކޮށް ބޭނުންކުރާ މެތަޑެއްކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އަދި އެޗް.ޑީ.ސީ އިން ތައްޔާރުކޮށްފައިވާ ކޭޝްފްލޯ ފޯކާސްޓަށް ރިޢާޔަތްކޮށް، ހުރިހާ ފައިނޭންސް ކޮސްޓެއް ހިމަނައިގެން، ވެއިޑެޓް އެވްރެޖް ފައިނޭންސިންގ ކޮސްޓްގެ ގޮތުގައި ހިސާބުކޮށްފައިވާ %8 އަކީ އެކަށީގެންވާ ރޭޓެއްކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.