Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ހިޔާ ފްލެޓް: ޑރ. މުއިއްޒު ޖެއްސެވި ހިސާބު ގޯސްކަން ހާމަވެއްޖެ

ފޮޓޯ: ވަގުތު

ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދާ ގުޅޭގޮތުން ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޖެއްސެި ހިސާބުތައް ގޯސްކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ހިޔާ ފްލެޓްތަކުގެ ޔުނިޓަކަށް ޖެހޭ ޖުމްލަ އަގާއި މަހުން މަހަށް ދައްކަންޖެހޭ އަދަދު ހިސާބުކޮށް ކަނޑައަޅާފައިވާގޮތް ރިވިއު ކޮށްދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އިން އެދުމުން ތައްޔާރު ކޮށްފައިވާ އޮޑިޓް ރިޕޯޓުގައެވެ.

އެގޮތުން އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަންޖެހޭކަމަށް 2021 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހެޅި 5,548 ރުފިޔާއަކީ، %3.36 ގެ އިންޓަރެސްޓާއިއެކު 25 އަހަރުގެ ރީޕޭމަންޓް މުއްދަތަކަށް ބިނާކޮށް، އީ.އެމް.އައި މެތަޑް ބޭނުންކޮށްގެން ހަދާފައިވާ ހިސާބެއް ކަމަށެވެ. ނަމަވެސް، ޕްރައިމަރީ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ %3.3+LIBOR ކަމުގައިވާއިރު، މާލެ ސިޓީ ކައުންސިލުން ބޭނުންކޮށްފައިވާ LIBOR ގެ އަންދާޒާކަމުގައިވާ %0.06 އަކީ ޖުލައި އަދި ސެޕްޓެމްބަރު 2020 ގައި، ކޮވިޑް-19 އާ ގުޅިގެން ވަރަށް ބޮޑަށް LIBOR ދަށްވެފައިހުރި ދުވަސްވަރެއްގައި ހުރި LIBOR ކަމާ ިއ، ލޯނު ދައްކަމުން އައި އިރު ހުރި އެވްރެޖް LIBOR އަށް ރިޢާޔަތްކޮށް، ހޯދާފައިވާ ރޭޓެއް ނޫންކަން ފާހަގަކުރެވުނު ކަމަށެވެ.

"ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަން 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމާފައިވާ 6,600 ރުފިޔާ އާއި 2021 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ 6,500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް 9,209,971,532 (ނުވަ ބިލިއަން ދުއިސައްތަ ނުވަ މިލިއަން ނުވަ ލައްކަ ހަތްދިހަ އެއް ހާސް ފަސް ސަތޭކަ ތިރީސް ދޭއް) ރުފިޔާގެ ޑެފިސިޓެއް ވާނެކަމަށް އަންދާޒާކުރެވެއެވެ." އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ޑރ. މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު އެ މިނިސްޓްރީން ފްލެޓަކަށް ކަނޑައަޅާފައިވާ އަގު ކަމަށްވާ 6600 ރުފިޔާ ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކައިފިނަމަ، ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1,155,231 ރުފިޔާގެ ގެއްލުންވާނެ ކަމަށެވެ.

އަދި ކުރީގެ ހައުސިން މިނިސްޓްރީގެ މި އަދަދަކީ މަޝްރޫޢު ހިންގަން ނެގި ލޯނުތަކާއި، ރީފައިނޭންސިންގ އަށް ނެގި ލޯނުތަކަށް ދައްކާ އިންޓަރެސްޓާއި ލޯނު އަނބުރާ ދެއްކުމަށް ދާނެ ކޭޝް ފްލޯއަށް ރިއާޔަތް ކޮށް ކަނޑައެޅިފައިވާ އަދަދެއް ނޫންކަން ވެސް ފާހަގަކޮށްފައިވެއެވެ.