Last Updated: June 30, 07:10
Tuesday, June 30, 2026
ޚަބަރު

ސާމިއު ޒުވާނުންގެ މަރުކަޒަށް ތަކެތި ހަދިޔާކޮށްފި

ސާމިއު ހުޅުދޫ ޔޫތު ސެންޓަރަށް ހަދިޔާ ކުރި ސާމާން. ފޮޓޯ: ކިއުންތެރިއެއް.

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ސާމިއު އަންވަރު އެރަށު ޒުވާނުންގެ މަރުކަޒުގެ ޖިމަށް ތަކެތި ހަދިޔާކޮށްފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ފޯރި އިންތިހާއަށް ގަދަވެފައިވަނިކޮށް ސާމިއު ހަދިޔާކޮށްފައިވަނީ ޖިމަށް ބޭނުން އެންމެ ފަހުގެ ސާމާނެވެ.

ސާމިއު މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ ހުޅުދޫ ޔޫތު ސެންޓަރަށް ހަދިޔާ ކުރި ސާމާން ތަކަކީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ހޯދާފައިވާ ޖިމް ސެޓެއް ކަމަށެވެ. އަދި އެ ތަކެތި ހުޅުދޫ ޒުވާނުންނަށް ހަދިޔާ ކުރުމަށް ވާހަކަ ދެއްކުނު ނަމަވެސް އެތަކެތި ބަހައްޓާނެ ތަނެއް ނެތުމުން ހަވާލު ނުކުރެވި ހުރީ ކަމަށެވެ.

"މިހާރު ދެން މިތަކެތި ހަވާލު މިކުރީ އެތަކެތި ބޭނުން ކުރެވޭނެ ތަނެއް ހުރުމާއި އަދި އެތަކެތި ބޭނުން ކުރަން ފެށުމުން ޔޫތު ސެންޓަރު ބޮޑުކޮށް ކުރިއަށް ގެންދިއުމަށް ކައުންސިލަށް ވެސް ފަސޭހަވާނެތީ. އަދި މިތަކެތި މި ހަވާލު ކުރީ ކައުންސިލް މެދުވެރިކޮށް ހުޅުދޫ ޒުވާނުންނާއި، ޒުވާނުން ބޭނުން ކުރުމަށް." އޭނާ ވިދާޅުވި އެވެ.

ސާމިއު ވިދާޅުވީ މި ތަކެތި ޔޫތު ސެންޓަރާއި ހަވާލު ކުރީ ކައުންސިލް މެދުވެރިކޮށް ކަމަށެވެ.

އެމްޑީޕީގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ޒުވާން ސާމިއުއަކީ ރާއްޖޭގެ "އަސުސް" ޑިސްޓްރިބިއުޓް ކުރާ އައި ޓެކް ރެޕަބްލިކްގެ އެއް ހިއްސާދާރެވެ.

ސާމިއު އާއި އެކު އެމްޑީޕީ ހުޅުދޫ ޕްރައިމަރީގައި ވާދަ ކުރަނީ މިހާރު ވެސް އެ ދާއިރާ ތަމްސީލު ކުރައްވާ އިލްޔާސް ލަބީބް އާއި ހަޒާޝް އިބްރާހީމް ހަމީދެވެ.