Last Updated: April 28, 21:57
Sunday, April 28, 2024
ރިޕޯޓް

ވޯޓް! ވޯޓް! މަށަށް ވޯޓް!

މީ ހަމަ ދައްކަން ވެއްޖެ ވާހަކައެކެވެ.، އެގެން ވެއްޖެ ކަމެކެވެ. ކީކޭބާ މިކިޔަނީ؟ މަށަށް މިފަހަރު ވޯޓެއް ދޭށެވެ. މި މިއުޅެނީ ކަލޭމެނަށް ރަގަޅުގޮތް ހޯދައި ދޭން، ބިން ނެތިއްޔާ ބިންހިއްކައިގެންވެސް 1000 އެނދުގެ ރިސޯރޓް ހަދައި ދޭނަން، ބެޔަސް ނުބެޔަސް ޓެންތައުޒަން ދޭނަން، ކިރުތައްޓާއި ދޮންކެޔޮ ކާން ދޭނަން، ތަރައްގީގައިމު ކުރާނަން، ގައުމާއިގެން ކުރިޔަށް، މިހާސަރުތައް އެއްވާމަކަށް ގޮވަމުން މިފަހަރު ތިމަންނާޔަށް ވޯޓް ދޭށޭ ގޮވަމުން ކޮންމެ 5 އަހަރަކުންނާއި ކޮންމެ 3 އަހަރަކުން މިދުވަނީ ކީއްކުރަންބާއެވެ؟

ޖަވާބު ވަރަށް ސާފެވެ. މި ވެރިންގެ ކިބައިގައި އަމިއްލަ އެދުން ނޫން އެހެން އެއްވެސް އެއްޗެއްނެތެވެ. އެކަން މާޒީވެގޮސްފައިވާ ދިގު މުއްދަތުގައި އަޅުގަނޑުމެން ދީފައިވާ ވޯޓުގެ އަލީގައި ލިބުނު ފިލާވަޅުތަކުން އަޅުގަނޑުމެންނަށް ވަނީ ވަރަށް ރަގަޅަށް ދަސްވެފައެވެ.

މި ވެރިން ރައްޔިތުންނަށްޓަކައި އެންމެ ނޭވާއެއްވެސް ނުލައެވެ، ރައްޔިތުން މި ވެރިންނާއި ޙަވާލުކުރި ކަނޑިން މި ވެރިން ބުރިބުރި ކުރީ ރައްޔިތުންގެ ކަދުރާއެވެ. ފެލާފައިވަނީ ރައްޔިތުންގެ ދިޔައެވެ. 5 އަހަރު ނުވަތަ 3 އަހަރުގެ ދައުރު ނިމެންދެން ގޮޑީގައި ބަގުޑިބައްދައިގެން ގަދަބާރުންވެސް ތިބޭނީއެވެ. ރައްޔިތުމީހާގެ ހައްގު ފާޅުގައި ނިގުޅައިގަނެ އެ ހައްގުތަކުން މަހުރޫމް ކުރުމަކީ މި ވެރިންގެ އާދައެއްކަން ވަރަށް ސާފުކޮށް މިއޮތީ އެގޭށެވެ.

މީގެ އިތުރުން ރައްޔިތުންގެ މާލިއްޔާއިން ލިޔެކިއުމުން ފެންނަ ގޮތުގައާއި ނުފެންނަ ގޮތުގައި އެތަކެއް ޚަރަދުތަކެއް މި ވެރިންނަށް ދަނީ ހިގަމުންނެވެ.

ގޭގެކުލި، ފޯނުއެލަވަންސް، ދެބާވަތުގެ ބޭސްފަރުވާ، އައިޕެޑާއި ސަޔާއި ކޮފީ، ދުއްވާނެ ކާރާއި ހިސާބެއް ކިތާބެއް ނެތްގޮތުގައި އެއަށް އަޅާނެ ތެޔޮ، ރަމަޞާން މަހުގެ ޚާއްޞަ އިނާޔަތުގެ ވިހިހާސް، ކޮމެޓީ އެލަވަންސް ފަދަ ކިތަންމެ ޚަރަދެއް، މަހުންމަހަށް ދަނީ ލިބެމުންނެވެ.

5 އަހަރުގެ އެއް ދައުރުން ޕެންޝަންވެސް އުމުރު ދުވަހަށްލިބޭގޮތަށް ގާނޫނުތައްވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން މި ވެރިން ސިއްރިޔާތުގައި ކުޅެމުން ގެންދާ ގޭމުތައް ކުޅެގެން BMW ކާރާއި މިލިއަން ރުފިޔާގެ ނަގުދާއި ފްލެޓްބަރިތަކާއި މިނޫނަސް މިފަދަ ކިތަންމެ ކިތަންމެ އެއްޗެއް ދަނީ ހޯދަމުންނެވެ.

މަޖިލިސްތެރޭގައި މިވެރިންނަކީ ރައްޔިތުންގެ ހިތްތައް ކަތިލަމުން ގެންދާބައެކެވެ. މުސްކުޅި ހަރު ބަހެއްގައި އޮންނަ ފަދައިން " ކެޔޮ ކޭވަރު އެގޭނީ ބިތުފަންގި ނެގީމައޭ" ބުނާ އުސޫލުން މިއިން ކޮންމެ މީހަކު ގޮޑިން ވެއްޓުމާއިއެކު ދަނީ ފެންނަމުންނެވެ. އެވެރިން ކެޔޮކޭވަރު އަޅުގަނޑުމެންނަށް މިދަނީ އެނގި ހާމަވަމުންނެވެ.

އަޅުގަނޑުމެން ނުހަނު ލޯބިން ގޮނޑި ގޮޑިއަށް އިސްކޮށްފައި ތިބޭ ވެރިން ގޮޑިން ވެއްޓުމާއެކު ހަމަ އަޅުގަނޑުމެން ގެ ދެއަތުން އެ ވެރިންގެ ފައިބުޑަށް އޮނބު ދުއްވާ ކަންފަތްބުޑުގައި ހަޅޭލާ އާޑަފުރައްސާރަ ކުރެވެއެވެ.

ރައްޔިތުންނާއި ވެރިންވެސް މިކަމަށް ރަގަޅަށް ސަމާލުވާން އެބަޖެހެއެވެ. ފުންކޮށް ވިސްނާ، މައިދަރިވަންތަކަން އެއްކިބާކޮށް ތިމާޔަށް ލިބޭ ވަގުތީ ފައިދާއަށް ބެލުމެއްނެތި ގައުމާއި ރައްޔިތުންގެ ހައްގުގައި ތިމާގެ ހައްގު އަދާކުރަން އެބަޖެހެއެވެ.

ވޯޓަކީ ތިމާގެ ހައްގެކެވެ. އެވޯޓް ތިމާއާއި ތިމާގެ ވަށައިގެންވާ އެންމެނަށް އުފަލާއި ހިތްހަމަޖެހުން ގެނަސް ދޭނެ ފަރާތަކަށް ދޭން އެބަޖެހެއެވެ. ތިމާޔަށް ނުއުފުލޭވަރުގެ ޒިއްމާއެއް އުފުލަން އުޅޭ މީހުނަށް ނޫނެކޭ ބުނުމަކީ އުފަލަކަށް ހަދަން އެބަޖެހެއެވެ.

އަދި އެފަދަމީހުންވެސް އެކަން ތިމާގެ އަމިއްލަ ނަފުސުން ގަބޫލުކޮށް މިފަދަ ބޮޑު ޒިއްމާތަކުން އެއްކިބާވާން އެބަޖެހެއެވެ.،މިއީ އިލްމާއި ޓެކްނޮލޮޖީގެ ޒަމާނެވެ. ތިމާގެ ފެންވަރާއި ތިމާގެ ގާބިލުކަން އެންމެ ރަގަޅަށް އެގޭނީ ހަމަ ތިމާއަށެވެ.

ދުލެއް އޮތީތީ، އަޑުގަދަވީތީ ލަދުހަޔާތް ކުޑަވީތީ މި ޒަމާނުގައި މިކުރާ ވެރިކަން ނުކުރެވޭނެކަން ދަންނަން އެބަޖެހެއެވެ. ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްނުދެއްވޭނަމަ އެކަމުން އެބަ އެއްކިބާވާންޖެހެއެވެ. އެއެއްޗެކޭ މިއެއްޗެކޭ ކިޔަކިޔާ ތިއްބާ އަނެއްކާވެސް ބޯމަތިވެގެން މިއަންނަނީ ވޯޓްގެ ވަރަށް ރަގަޅު ފުރުސަތެކެވެ.

މި ރަނުގެ ފުރުސަތުގެ ބޭނުން މެޖޯރިޓީއަކަށް، ބަޔަކު އަޅުގަނޑުމެން ގެ ލޮލުގައި އަޅުވާ އަނދުނަކަށް ބެލުމެއްނެތި، ގައުމާއި ރައްޔިތުންގެ ހައްގުގައި އެންމެން އެކުގައި އަތުގުޅާލާ އާގޮވަމުން ތެދުވަމާހިގާށެވެ. އޭރުން އަޅުގަނޑުމެން ދާން މިއުޅޭ މަންޒިލަށް އަޅުގަނޑުމެނަށް ވާސިލުވެވޭނެއެވެ.

އަބަދާ އަބަދު ކަރުނަ އޮއްސާ ބަޔަކަށް އަޅުގަނޑުމެން ނުވަމާތޯއެވެ؟ ފޮނިމީރުކަން ވެސް އުމުރުން އެއްފަހަރު ނަމަވެސް ލިބިގަތުމަށް މަސައްކަތް ކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯއެވެ؟ "ވިސްނުމެއްނެތި ކޮށްފިކަމަކުން އެންމެފަހަރަކު ދޭހުގައި ގިސްލަމުން ހިތިކަރުނަ އޮއްސަންޖެހިދެޔޭ ޢުމުރަށްމުޅީން"