Last Updated: July 21, 18:02
Tuesday, July 21, 2026
ކުޅިވަރު

މައުންޓްގެ ހެޓްރިކުން ޗެލްސީ އަށް ބޮޑު މޮޅެއް

މޭސަން މައުންޓްގެ ހެޓްރިކާ އެކު ޗެލްސީން މިރޭ އިނގިރޭސި ލީގުގައި ނޯވިޗް ސިޓީ އަތުން 7-0 އިން މޮޅުވެއްޖެ އެވެ.

މި މޮޅާއެކު 22 ޕޮއިންޓާ އެކު ޗެލްސީ އޮތީ ލީގުގެ އެއްވަނައިގައެވެ. ދެވަނައިގައި ޗެލްސީ އަށް ވުރެ އެއް މެޗު މަދުން ކުޅެ 18 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ. ލިވަޕޫލް މާދަމާ ރޭ ނިކުންނާނީ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ. ޗެލްސީ އަތުން ބަލިވި ނޯވިޗް އޮތީ ދެ ޕޮއިންޓާ އެކު ލީގުގެ ފުލުގަ އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެޓީމުން ވަނީ ތިން ގޯލު ކާމިޔާބުކޮށްފައެވެ. އެ ތިން ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ތިން ކުޅުންތެރިން ކަމަށްވާ މައުންޓް އާއި ހަޑްސަން އޮޑޯއިގެ އިތުރުން ރީސް ޖޭމްސް އެވެ.

ޗެލްސީގެ ހަތަރުވަނަ ގޯލު މެޗުގެ 57 ވަނަ މިނެޓްގައި ޗިލްވެލް ކާމިޔާބުކޮށްދިން އިރު އެޓީމުގެ ފަސްވަނަ ގޯލަކީ މެޗުގެ 62 ވަނަ މިނެޓްގައި ނޯވިޗްގެ ޑިފެންޑަރު އާރޮންސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މެޗުގެ 65 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ނޯވިޗްގެ ގިބްސަން އަށް ދެއްކުމުން މެޗުގެ ބާކީބައި އެޓީމުން ފުރިހަމަ ކުރީ 10 ކުޅުންތެރިންނާ އެކުއެވެ.

މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ހަވަނަ ގޯލު އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ މައުންޓެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލޮފްޓަސް ޗީކް ދިން ޕާހަކުން މައުންޓް ވަނީ ޗެލްސީގެ ހަތްވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާ އެވެ. ނޯވިޗް ނިކުންނާނީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ.