ފާޑުކިޔާ މީހުންގެ އަނގަތައް ބަންދުކޮށްލައި ކުރިއަށް އޮތް ތަނުގައި ވެސް ކާމިޔާބީތައް ހޯދާނެ ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ބައެއް ފަރާތްތަކުން މިފަހަކަށް އައިސް އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެމުން "ސްކައި ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ އޭނާގެ އުމުރުން 36 އަހަރުވީއިރު ހުރިހާ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި އޭނާއާ ގުޅޭގޮތުން ދައްކާ ތަފާތު އެކި ވާހަކަތަކާ މެދު ކަންބޮޑު ނުވާ ކަމަށެވެ.
"އެފަދަ ވާހަކަތައް ދައްކާ އެ ވާހަކަތަކައިގެން ކުރިއަށްދޭ، އަހަރެން އެމީހުންގެ އަނގަތައް ބަންދުކުރާނަން. އަދި ކާމިޔާބީތައް ވެސް ހޯދާނަން" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ ފާޑުކިޔުންތަކަކީ އޭނާ އަދާކުރާ ވަޒީފާގެ ބައެއް ކަމަށާއި އެއީ އެއްގޮތަކަށް ވެސް ކަންބޮޑުވުން އޮތް ކަމެއް ނޫން ކަމަށެވެ. އެގޮތުން އެކަން ނަގަނީ ރަނގަޅު ކަމެއްގެ ގޮތުގައި ކަމަށާއި ސަބަބަކީ ބަޔަކު މީހުން ކަންބޮޑުވެގެން އުޅޭނީ ފުޓްބޯޅައިގައި އޭނާގެ ފެންވަރު އެބަޔަކަށް އެނގޭތީ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.
މީގެއިތުރުން ރޮނާލްޑޯ ވަނީ މިދިޔަ ޓްރާންސްފާ މާކެޓުގައި ޔުވެންޓަސް ދޫކޮށްލުމަށްފަހު ޔުނައިޓެޑަށް ބަދަލުވީ ކާމިޔާބީތައް ހޯދުމަށް ކަމަށާއި އެކަން ހާސިލުކުރުމަށް ކްލަބަށް އެހީތެރިވާން ބޭނުންވާ ކަމަށްވެސް ބުނެފައެވެ.
މި ސީޒަނުގައި ޔުނައިޓެޑަށް 8 މެޗު ކުޅެދީ ހަ ގޯލު ރޮނާލްޑޯ ކާމިޔާބުކޮށްފައިވާއިރު، ލީގުގައި ޔުނައިޓެޑް މިވަގުތު އޮތީ 14 ޕޮއިންޓާ އެކު ހަވަނައިގައެވެ.