Last Updated: July 21, 18:02
Tuesday, July 21, 2026
ކުޅިވަރު

ބާސާ ބަލިކޮށް ރެއާލް ތާވަލްގެ އެއްވަނަ އަށް

ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާ އަތުން 2-1 އިން މޮޅުވެ ރެއާލް މެޑްރިޑް ތާވަލްގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

ބާސާގެ ދަނޑުގައި ކުޅުނު މެޗުގެ 32 ވަނަ މިނިޓުގައި ރެއާލް އިން ލީޑު ނެގީ ޑޭވިޑް އަލަބާ ޖެހި ލަނޑުންނެވެ. އަލަބާ މި ގޯލު ކާމިޔާބުކުރީ ބާސާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

ރެއާލް އިން ލީޑު ފުޅާކުރީ 90 ވަނަ މިނިޓުގައި ލޫކަސް ވަޒްކުއޭޒް ކާމިޔާބުކުރި ލަނޑުންނެވެ. މި ގޯލު ވަޒްކުއޭޒް ކާމިޔާބުކުރީ ރެއާލްގެ އެސެންސިއޯ ފޮނުވާލި ހަމަލާއެއް ބާސާގެ ކީޕަރު ދިފާއުކުރުމުން ބޭރަށް ނިކުތް ވަގުތު ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުގެ ފަހު މިނިޓުގައި ބާސާ އަށް ލަނޑު ޖަހައިދިނީ ދެވަނަ ހާފްގައި ކުޅެން އެރި ސާޖިއޯ އަގުއެރޯ އެވެ.

ރެއާލް އާއި ސެވިއްޔާ 20 ޕޮއިންޓާއެކު އޮތް ނަމަވެސް، ރެއާލަށް މި ވަގުތު ތާވަލްގެ އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. ބާސާ އޮތީ 15 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގަ އެވެ.