Last Updated: July 21, 18:02
Tuesday, July 21, 2026
ކުޅިވަރު

ލިވަޕޫލް އިން ޔުނައިޓެޑް ހަމަ ބިމަށް ތިރިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ، މެންޗެސްޓާ ޔުނައިޓެޑް އަތުން 5-0 އިން ލިވަޕޫލް މޮޅުވެއްޖެ އެވެ.

މި މޮޅާއެކު ލިވަޕޫލް އޮތީ 21 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. ޔުނައިޓެޑް އޮތީ 14 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގަ އެވެ. އެއްވަނައިގައި 22 ޕޮއިންޓާ އެކު އޮތީ ޗެލްސީ އެވެ.

މިއީ 2018 ވަނަ އަހަރުގެ ފަހުކޮޅު ޔުނައިޓެޑްގެ ކޯޗުކަމާ އޮލެ ގުނަ ސޯލްޝެއާ ހަވާލުވި ފަހުން އެ ޓީމު އެންމެ ތަފާތު ބޮޑުކޮށް ބަލިވި ދެވަނަ މެޗެވެ. ސޯލްޝެއާގެ ކޯޗުކަމުގެ ދަށުން ކުޅެ ޔުނައިޓެޑް އެންމެ ތަފާތު ބޮޑުކޮށް ބަލިވީ މިދިޔަ ސީޒަނުގައި ޓޮޓެންހަމް އަތުން 6-1 އިންނެވެ. މިއީ 1925 ވަނަ އަހަރަށްފަހު ޔުނައިޓެޑް އަތުން ލިވަޕޫލް ހޯދި އެންމެ ބޮޑު މޮޅެވެ.

އަނެއްކޮޅުން މިއީ ލީގުގައި ޔުނައިޓެޑް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. ލީގުގައި އެންމެފަހުން ލެސްޓަ ސިޓީއާ ބައްދަލުކޮށް ޔުނައިޓެޑް ބަލިވީ 4-2 އިންނެވެ. މިރޭގެ މެޗާއެކު ލިވަޕޫލް އިން މިހާރު ވަނީ ބަލިނުވެ 22 މެޗު ހަމަކޮށްފައެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މިރޭގެ މެޗުގެ ފަސްވަނަ މިނެޓްގައި ނަބީ ކެއިޓާ ވަނީ ލިވަޕޫލަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 13 ވަނަ މިނެޓްގައި ޑިއޯގޯ ޖޯޓާ ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލް އިން އިތުރު ދެ ގޯލު ކާމިޔާބު ކުރިއިރު މި ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ.

ހަތަރު ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުނައިޓެޑުން ނިންމާލިއިރު މެޗުގެ 50 ވަނަ މިނެޓްގައި ސަލާހު ވަނީ ލިވަޕޫލްގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިރޭގެ މެޗުގައި ކާމިޔާބުކުރި ތިން ގޯލާއެކު ސަލާހު ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލު ކާމިޔާބުކުރި އެފްރިކާގެ ކުޅުންތެރިއާ އަށެވެ.

ޔުނައިޓެޑަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 60 ވަނަ މިނެޓްގައި އެޓީމުގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ އަށް ދެއްކި ރަތްކާޑުގެ ސަބަބުންނެވެ. ދެވަނަ ހާފްގައި ކުޅެން އެރި ޕޮގްބާ އަށް ރަތްކާޑު ދެއްކީ ލިވަޕޫލްގެ ކެއިޓާ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

10 ކުޅުންތެރިންނާއެކު މެޗުގެ ބާކިބައި ފުރިހަމަ ކުރަން ޖެހުނު ޔުނައިޓެޑް ކޮޅަށް އިތުރު ގޯލުތަކެއް ޖަހާނެ ފުރުސަތު ވެސް މި މެޗުގައި ލިވަޕޫލަށް ލިބިފައިވެއެވެ.