Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ކޮމިޓީތަކުގައި ހުރި މަސައްކަތް ގިނަ، ކޮމިޓީ މަސައްކަތް އިތުރުކުރުން މުހިންމު: ނަޝީދު

ރައީސް މުހައްމަދު ނަޝީދު--

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގެ މަސައްކަތްތައް މަދުވިނަމަވެސް، ކޮމިޓީތަކުގައި ހުރި މަސައްކަތްތައް ގިނަ ކަމަށާއި، ކޮމިޓީ މަސައްކަތްތައް އިތުރު ކުރުން މުހިންމު ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިވަގުތު މަޖިލީހުގައި 33 ބިލުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. އޭގެތެރޭގައި ސަރުކާރުން ހުށަހަޅާފައިވާ 26 ބިލު އަދި މެމްބަރުން ހުށަހަޅާފައިވާ 7 ބިލު ހިމެނޭކަމަށެވެ. އަދި އެއީ ވަރަށް ގިނަ ބިލުގެ މަސައްކަތް ކަމަށެވެ.

"ސަރުކާރުން ގިނަ އިތުރު ބިލު މަޖިލީހަށް ހުށަހެޅިކަމުގައި ވީނަމަވެސް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ބާރަށް ގެންގޮސް މިހާރު ހުރި މަސައްކަތްތައް ނުނިންމެނީސް، މިތަނުގެ މަސައްކަތް މުޅިން ނިންމާލެވެން ދަތިވާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުގައި ގިނަ ބޮޑެތި މަސައްކަތްތަކެއް އެބަހުރި ކަމަށާއި، އެ ބިލުތައް ނިންމުމަށް ކޮމިޓީތަކުގެ މަސައްކަތް އިތުރުކުރުން މުހިންމު ކަމަށެވެ.

މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގެ މަސައްކަތްތައް މަދުވެފައިވާކަމަށާއި، މިދައުރުގައި ސަރުކާރުން މަޖިލީހަށް ލިބިފައިވަނީ ހަތަރު ބިލު ކަމަށެވެ. އަދި އިތުރު ބިލެއް މިދައުރުގައި ލިބޭނެކަމަށް ލަފާނުކުރެވޭކަމަށެވެ.