ބޮޑެތި ކުންފުނިތަކަށް ފަސޭހައިން ސޮވެރިން ގެރެންޓީ ލިބޭނެގޮތް ހެދުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. ޖާބިރު ހުށަހެޅި މައްސަލަ ބަލައިގަތުމަށް 11 މެމްބަރުން ވޯޓު ދެއްވިއިރު މި މައްސަލަ ބަލައިނުގަތުމަށް 15 މެމްބަރުން ވޯޓު ދެއްވިއެވެ.
ޖާބިރު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގައި ހިންގަމުން ދިޔަ ވިޔަފާރީގެ ބޮޑެތި ޕްރޮޖެކްޓްތައް ހުއްޓި، ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ވިޔަފާރިވެރިންނާއި ކުންފުނިތަކަށް ފޫނުބެއްދޭވަރުގެ ގެއްލުންވަމުންދާކަމަށެވެ.
މައްސަލައިގައި އިތުރަށް ބުނެފައިވަނީ ބޭންކުތަކުން ކުންފުނިތަކަށް ލޯނުދޭން ޖެހިލުންވާކަމަށާއި، އަދި އެކަމުގެ ސަބަބުން ފައިނޭންސް ހޯދުމަށް ނިހާޔަތަށް އުނދަގޫވާކަމަށެވެ. އެހެންކަމުން ރަހުނުގެގޮތުގައި އަގުބޮޑެތި މުދާ ބެހެއްޓުމުގެ ގާބިލިއްޔަތުހުރި، އަދި އެހެންވެސް ޝަރުތުތައް ފުރިހަމަވާ ޕްރައިވެޓް ކުންފުނިތަކަށް ފަސޭހަކަމާއެކު ސަރުކާރުގެ ސޮވެރިން ގެރެންޓީ ހަމަޖެހޭނެ އުސޫލު ގާއިމު ކުރުމަށް ގޮވާލާކަމަށެވެ.