ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަންނަނީ ޤާނޫނުއަސާސީގައި ކޮށްގެން ނުވާނެ ކަމަށް ބުނެފައިވާކަމެއް ކުރަމުން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ފޮރިން މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކީ އެބޭފުޅާގެ މަސައްކަތް ފޮރިން މިނިސްޓްރީގެ މަސައްކަތަށް ހާއްސަވެފައި ހުންވާ ބޭފުޅަކަށް ވާންޖެހޭނެކަމަށެވެ.
ރާއްޖެއަށް ނިސްބަތްވާ ފަރާތަކަށް ދުނިޔޭގެ މަތީމަގާމެއް ލިބުމަކީ އެކަމާ އުފާކުރާކަމެއްކަން ފާހަގަކުރައްވާ އަލީ ހުސައިން ވިދާޅުވީ ޤާނޫނުއަސާސީގައި ވަޒީރުން ކުރަންނުޖެހޭ ކަންކަން ބަޔާންކޮށްފައިވާއިރު އޭގެތެރޭގައި މާލި އެެއްވެސް މަންފާއެއް ލިބޭ މާގާމެއް އަދާނުކުރުން ހިމެނޭކަމަށެވެ.
"އެހެންނަމަވެސް މިމައްސަލައިގައި އަޅުގަނޑުމެންނަށް އެބަ އެނގޭ މިހާރު ހުންނެވި ފޮރިން މިނިސްޓަރަށް މާލީގޮތުން މަންފާ އެބަ ލިބޭކަން." އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ ޤާނޫނުއަސާސީގައި ކޮށްގެން ނުވާނެކަމަށް ބުނެފައިވާކަމެއް ފޮރިން މިނިސްޓަރު ކުރައްވަމުންދަނިކޮށް ފޮރިން ސާވިސްގެ ބިލު ކޮމިޓީން ނިންމާ އައުމުން ސުވާލު އުފެދޭކަމަށެވެ.
މީގެއިތުރުންވެސް ވިދާޅުވީ އާއިލާ ވެރިކަން ނިމުމަކަށް ގެނެވުނުކަމަށް ހީކޮށްގެން ތިބިނަމަވެސް ފޮރިން ސާވިސްގެ ބިލަށް ބެލުމުން ފެންނަނީ އެމަންޒަރު ނޫންކަމަށެވެ.
އަލީ ހުސައިން ވަނީ މިނިސްޓަރު އަބްދުﷲ ޝާހިދަށް ކޮންމެވެސް އެއް މަގާމެއް ހިޔާރުކުރުމަށްވެސް ގޮވާލައްވާފައެވެ. އަދި މާލީ އެއްވެސް މަންފާއެއް ލިބޭގޮތަށް މިނިސްޓަރަކު ކަމެއްކުރުމަށް ރާއްޖޭގެ ޤާނޫނުއަސާސީ ތަންނުދޭކަމަށްވެސް ވިދާޅުވިއެވެ.