އައްޑޫސިޓީގައި ގާއިމުކުރާ ޕޮލިސް ޓްރޭނިން ސެންޓަރަކީ އިންޑިއާ ޓްރޫޕްސްއަށް ދީފައިވާ ތަނެއްކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮރިން ސާވިސްގެ ބިލަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގައި އެންމެ ބޮޑު އިގްތިސާދީ ނަފާއެއް ނެގެންއޮތީ އައްޑޫސިޓީގައި ކަމަށެވެ. އެހެންނަމަވެސް އައްޑޫސިޓީގެ އެންމެ ބޮޑު ބިން އިންޑިއާގެ ޓްރޫޕްސްއަށް ދީފައިވާކަމަށާއި، އަދި ޕޮލިސް ޓްރެއިނިން ސެންޓަރެއްގެ ގޮތުގައި އެތަން ދެއްކިނަމަވެސް ދިވެހި ސަރުކާރަށް އެކަމާމެދު ވަކިގޮތެއް ނިންމެއް ނެތްކަމަށެވެ.
މީގެއިތުރުންވެސް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުމަކީ ޤާނޫނުއަސާސީއާ ހިލާފަށް ސޮއި ކޮށްފައިވާ އެއްބަސްވުމެއް ކަމަށާއި، އެފަދަ އެއްބަސްވުންތަކަކީ މަޖިލީހަށް ހުށަހަޅާ މަޖިލީހުުގެ ރުހުން ލިބިގެން ނޫނީ ސޮއި ކުރެވިގެންވާނެ އެއްބަސްވުމެއް ނޫންކަމަށެވެ. އެހެންކަމުން އެ އެއްބަސްވުންވެސް އުވާލަން ސައީދު ގޮވާލެއްވެއެވެ.
ރާއްޖޭގައި ހަރުކޮށްފައިހުރި ރާޑަރުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އެ ރާޑަރުތަކުގެ އެކްސެސް ދިވެހި ސިފައިންނަށް ނެތްކަމަށެވެ.
ސައީދު ވިދާޅުވީ ދިވެހިރާއްޖެއަކީ ރާއްޖޭގެ ރީތިކަން ވިއްކާ ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ވީއިރު މިސަރަހައްދުގެ ޖިއޯ ޕޮލިޓިކްސްގެ ހަމަނުޖެހުމުގެ ތެރެއަށް މިސަރުކާރުން ރާއްޖެ ވައްޓާލުމުގެ ބޭނުމެއް ނުވިސްނޭކަމަށެވެ. އަދި އެމްޑީޕީއަށް ވެރިކަން ލިބޭ ހަމަ ކޮންމެ ފަހަރަކުވެސް މިކަހަލަ ސަކަރާތެއް ޖަހާކަމަށް ވިދާޅުވިއެވެ.