Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

"އިންޑިއާ އައުޓް" އަކީ އެންމެ ދަށްފެންވަރުގެ ކެމްޕޭން: ވައްޑޭ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) - ފޮޓޯ: މަޖިލިސް

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ އެންމެ ދަށްފެންވަރުގެ ކެމްޕޭނެއްކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވައްޑޭ ވިދާޅުވީ މިސަރުކާރުން މަސައްކަތްކުރާނީ ދުނިޔޭގެ ގައުމުތަކާއި ގުޅިގެންކަމަށާއި، އަދި މިގައުމު އޮތް ސަރަހައްދަކީ މުހިންމު ސަރަހައްދެއްކަން ދެނެ ތިބެގެންކަމަށެވެ.

އެހެންނަމަވެސް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލީޝަނުން "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގަމުން އަންނަ ކެމްޕޭނަކީ އެންމެ ދަށްފެންވަރުގެ ކެމްޕޭނެއްކަމަށް ވައްޑޭ ވިދާޅުވިއެވެ.

"މިހާރުވެސް އަޅުގަނޑުމެންގެ ވާދަވެރިން ޖެހިގެން އޮތް އިންޑިއާ، އިންޑިއާ އައުޓް ކިޔާފައި، އިންޑިއާ ބޭރުކުރާށޭ ކިޔާފައި ހިންގާ ކެމްޕޭނަކީ މިފަދަ ޒަމާނެއްގައި، ބަޔަކު ހިންގާނޭ އެންމެ ދަށްވެންފަރުގެ އެންމެ އިހާނެތިކަންބޮޑު ކެމްޕޭން." ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ ވިދާޅުވީ ދިވެހިންނަށް ބޭނުންޖެހުނު ކޮންމެ ވަގުތަކު އަވައްޓެރި އިންޑިއާއިން އެހީތެރިކަން ލިބުނު ކަމަށާއި، މިސަރުކާރުން އަދި އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ އިންޑިއާއާއެކު އޮތް ގުޅުން ބަދަހިކޮށްގެންކަމަށެވެ.

އަދި އިދިކޮޅުން އިންޑިއާއާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އޮތް މާބޮޑު ނުރައްކަލެއްކަމަށެވެ.