Last Updated: June 23, 13:06
Tuesday, June 23, 2026
ޚަބަރު

ގޮންޖެހުންތަކުން އަރައިގަތުމަށް، ވާހަކައަށްވުރެ އަމަލު ގިނަކުރުމަށް ރައީސް ގޮވާލައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ދުނިޔެއަށް ކުރިމަތިވެފައިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް، ދައްކާ ވާހަކަތަކަށްވުރެ އަމަލު ގިނަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

ދުބާއީ އެކްސްޕޯ 2020ގައި ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވެފައިވަނީ، ކޮވިޑް-19 އާއި އެނޫންވެސް ގޮންޖެހުންތަކާ އެކުވެސް ދުބާއީ އެކްސްޕޯއަށް 192 ޤައުމެއް އެއްތަންކުރުމަކީ ޔޫ.އޭ.އީގެ ސަރުކާރުގެ ލީޑަޝިޕާއި ދުރުވިސްނުން ދައްކުވައިދޭ ހެއްކެއް ކަމުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ދެ ޤައުމުގެ މެދުގައި އޮންނަ ޒަމާންވީ ގާތްގުޅުން ފާހަގަކުރައްވައި، ޔޫ.އޭ.އީ އަކީ ރާއްޖޭގެ ގާތް އެކުވެރިއެއްގެ އިތުރުން ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ބައެއް މައްސަލަތަކުގައި ދެ ޤައުމުންވެސް ގިނަ ފަހަރަށް ގެންގުޅެނީ ވަރަށް އެއްގޮތް ވިސްނުމެއްކަން ފާހަގަކުރައްވަމުން، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއާ ޔޫ.އޭ.އީއާ އޮންނަ ގުޅުން އެގޮތުގައި ކުރިޔަށްދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.

މި ފަދަ އެކްސްޕޯތަކުގެ މައިގަނޑު ބޭނުމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކަށް އައު ހައްލުތަކެއް ހޯދުންކަން ފާހަގަކުރައްވައި މި އެކްސްޕޯއަކީ އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ ތައާރަފުވެ އެކުވެރިކަން ބަދަހިކުރުމަށް ލިބިފައިވާ މުހިންމު ފުރުސަތެއްކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ދުބާއީ އެކްސްޕޯ 2020ގެ ބޭނުން އެންމެފުރިހަމަ ގޮތުގައި ހިފުމަށާ އަދި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް ކަމުގައިވާ ކާނާގެ ދަތިކަމާއި މާލީ ދަތިތައްފަދަ މައްސަލަތައް ހައްލުކުރުމުގައި ދައްކާ ވާހަކަތަކަށްވުރެ އަމަލު ގިނަކުރުމަށް ރައީސް ސޯލިހް އެދިވަޑައިގެންފައިވެއެވެ.