Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

ނަޝީދު ގާސިމް އާއި ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި ބައްދަލުކުރައްވައިފި އެވެ.

ނަޝީދު ގާސިމް އާއި ބައްދަލުކުރެއްވީ ކުއްލި ގޮތަކަށް މިއަދު މެންދުރުގެ ވަގުތެއްގައި ގާސިމްގެ ސަން އައިލޭންޑް ރިސޯޓަށް ވަޑައިގެންނެވެ. ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް ނަޝީދު ވަޑައިގެންނެވުމުން ރަތް ދޫލައިގެ މަރުހަބާއެއް ވަނީ ކިޔާފައެވެ. ނަޝީދަށް މަރުހަބާ ދެންނެވީ ގާސިމް އާއި މާމިނގިލީ އެއާޕޯޓުގެ މުވައްޒަފުންނެވެ.

މި ބައްދަލުވުމުގައި ނަޝީދާއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް މި ބައްދަލުވުން ބޭއްވީ ކޮން ކަމަކާ ގުޅިގެން ކަމެއް އެނގިފައެއް ނުވެއެވެ.

ނަޝީދު މިއަދު ވަނީ މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނާއި ވެސް ކުއްލި ގޮތަކަށް ބައްދަލުކުރައްވާފައެވެ. ނަމަވެސް ސިޔާސީ އެއްވެސް މަޝްވަރާއެއް ކުރާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުން ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި އިދިކޮޅު މެމްބަރުން ވަނީ ނަޝީދަށް ދަންނަވާފައެވެ.

އެ ބައްދަލުވުމުގައި އިދިކޮޅުގެ ފަރާތުން ބައިވެރިވެވަޑައިގަތީ މެމްބަރު ޝަރީފުގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ގައްސާން މައުމޫން އެވެ.

ކުއްލި ބައްދަލުވުންތަކެއް ނަޝީދު ބާއްވަން ފެއްޓެވީ އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ މަޝްވަރާތަކެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.