ނައިބު ރައީސް ފައިސަލް ނަސީމް ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީއަށެވެ. އަދި ފުވައްމުލައް ސިޓީ ކައުންސިލާއި އެ ސިޓީގެ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު ފުވައްމުލައް ސިޓީގެ މުހިންމު އިދާރާތަކަށް ޒިޔާރަތް ކުރެއްވުމަށާއި، އެ ސިޓީގައި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ނައިބު ރައީސް، ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއަށެވެ. މި ސިޓީގެ ކައުންސިލާއި ބައްދަލުކޮށް، ބައެއް އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކޮށްލެއްވުމަށްވަނީ ހަމަޖެހިފައިވާކަމަށާއި، ހަމަ އެއާއެކު އައްޑޫ ސިޓީގެ ބައެއް އިދާރާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މީގެ އިތުރުން އެމަނިކުފާނު އައްޑޫ ސިޓީގައި ޓްރެއިނިންގ ޕްރޮގްރާމެއް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް ފައިސަލް މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 29 އޮކްޓޫބަރު 2021 ވާ ހުކުރު ދުވަހުއެވެ.