ލޯކަލް ކައުންސިލް އިންތިހާބްގައި ހުޅުމީދޫ ދާއިރާގެ ގޮޑިއަށް ހޮއްވަވާ ދެއްވައިފިނަމަ ރައްޔުތުންގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސައިދޭނެ ކަމަށް އަމިއްލަ ގޮތުން ކައުންސިލަށް ކުރިމަތި ލެއްވި މީދޫ، މެދުގެ، ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.
މާލޭގައި ކެމްޕެއިން ކަންކަން އިންތިޒާމް ކުރުމަށް ވަޑައިގެން "އައްޑޫ ލައިވް" އަށް ދެއްވި އިންޓަވިއުއެއްގައި ހަސަން ވިދާޅުވީ އޭނާ ހުޅުމީދޫ ދާއިރާގެ ކައުންސިލަށް ކުރިމަތިލީ ރައްޔިތުންގެ ހުވަފެންތަކުގައި ހަގީގީ ކުލަޖައްސައިދިނުމަށް ކަމަށެވެ.
އަދި އިންތިހާބް ވެއްޖެނަމަ މަސައްކަތް ކުރާނީ ވަކި ކުލައަކަށް ބަލައިގެން ނޫންކަމަށާއި، އޭނާ އަކީ "އެންމެންގެ ކައުންސިލަރެއް" ކަމަށެވެ.
ހުޅުމީދޫގެ ތަރައްޤީއަށް އަބަދުވެސް ވަކާލާތު ކުރަމުން އަންނަ ހަސަނު ކައުންސިލަށް ކުރިމަތިލާން ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތީންނެވެ. ހަސަން ވިދާޅުވީ އޭނާއަށް ރައްޔިތުން ތާއިދުކުރަނީ އޭނާގެ ކިބައިގައި މަކަރު ހެދުމާއި އޯވާލުން ނުހުންނާތީ ކަމަށެވެ. އަދި އޭނާއަކީ މީހުންގެ ކުރިއެރުމަށް އެހީތެރިވެ، އެއްބާރުލުން ވީ އެންމެ ބޮޑަކަށް ދެމުންގެންދާ މީހަކަށް ވާތީއެވެ.
"އަޅުގަނޑު ކައުންސިލަށް އިންތިހާބް ކޮށްފިނަމަ، ރައްޔިތުން ބޭނުންވާ ތަރައްޤީ ހޯދައި ދޭނަން. އެކަން އިރާދަ ކުރެއްވިއްޔާ އަޅުގަނޑު ދައްކާނަން" ކުރިން ސްކޫލްތަކުގެ ޕްރިންސިޕަލް ކަން ކުރެއްވި މިހާރު އާއިލީ ވިޔަފާރި ކުރަމުން އަންނަ ހަސަން ބުންޏެވެ.
މީދޫގެ ވަރަށް ގިނަ ބަޔަކު ހަސަންގެ މަސައްކަތަށް ތައުރީފް ކުރެއެވެ. އެގޮތުން އޭނާގެ އާއިލާއިން ހިންގަމުން އަންނަ ވިޔަފާރިއިން ހުޅުމީދޫގެ ރައްޔިތުންނަށް ބޮޑު އެހީތެރިކަން އަންނަނީ ލިބެމުންނެވެ.