Last Updated: June 23, 13:06
Tuesday, June 23, 2026
ޚަބަރު

ލިމިޓްތައް ނުހިމެނޭ ގޮތަށް ޑޮލަރު މުއާމަލާތު ކުރެވޭ ކްރެޑިޓް ކާޑެއް ތައާރަފް ކޮށްފި

ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތައް ނުހިމެނޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން އާ ޔޫއެސް ޑޮލަރު ވިސާ ކްރެޑިޓް ކާޑެއް ތައާރަފްކޮށްފިއެވެ.

ކަސްޓަމަރަށް އެޕްރޫވްވެ ކަނޑައެޅިފައިވާ ކްރެޑިޓް ކާޑު ލިމިޓާ ހަމަޔަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މިކާޑަކީ ރާއްޖޭން ބޭރުގެ ގިނަ އަދަދެއްގެ މުއާމަލާތްތައް ކުރަންޖެހޭ ފަރާތްތަކަށް ވަރަށް އެކަށީގެންވާ ކާޑެއް ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. ކާޑަށް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކޭނީ ހަމައެކަނި ޑޮލަރުންކަމަށާއި، މިހާރު ކްރެޑިޓް ކާޑު ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް މިހާރު ބޭނުންކުރާ ކާޑު، ޑޮލަރު ކާޑަކަށް ބަދަލު ކުރުމަށް އެދި ހުށަހެޅޭނެ ކަމަށް ވެސް ބީއެމްއެލްއިން މައުލޫމާތުދެއެވެ. އަދި އަލަށް ކާޑަށް އެދޭ ފަރާތްތަކަށް އޮންލައިންކޮށްވެސް ކާޑަށް އެދި ހުށަހެޅޭނެއެވެ.

"ރާއްޖޭގައި ޑޮލަރު ލިބެން ހުރި މިންވަރަށް ނުހަރު ބޮޑު ނޭދެވޭ އަސަރެެއްކޮށްފައިވާތީ ހާލަތަށް ރިއާޔަތްކޮށް، މިދިޔަ އަހަރު ބޭންކުން ވަނީ ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ބޭރަށްދާ ޑޮލަރުގެ ނިސްބަތް މަދުކުރުމަށްޓަކައި މުހިންމު ފިޔަވަޅެއް އަޅާފަ. މި ވޭތުވެދިޔަ އަހަރުތެރޭ ބޭންކުން މިވަނީ ލިމިޓަށް ހެޔޮ ބަދަލުތަކެއް ގެނެސްފައި. ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް އާންމު ގޮތެެއްގައި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް މިއަދު މި ތައާރަފް ކުރެވުނު ކާޑާއެކު އިތުރު ހައްލެއް ލިބިގެންދާނެ. އަދި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓް ނުހިމެނޭ ގޮތަށް ކަސްޓަމަރުންނަށް ކްރެޑިޓް ކާޑުގެ ލިމިޓާ ހަމަޔަށް މި ކާޑު ބޭނުންކޮށްގެން ވިޔަފާރިވެސް ކުރެވޭނެ." ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.

އަލަށް ތައާރަފް ކުރެވުނު ޔޫއެސް ޑޮލަރު ވިސާ ކްރެޑިޓް ކާޑު ކޯޕަރޭޓް ކާޑުގެ ގޮތުގައި ވިޔަފާރިތަކަށްވެސް ދޫކުރެވޭނެ ކަމަށާއި، ޔޫއެސްޑީ ވިސާ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުއާމަލާތްތައްވެސް ކުރެވޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.