Last Updated: June 23, 13:06
Tuesday, June 23, 2026
ޚަބަރު

1500 އަށްވުރެއް ގިނަ މީހުން ކޮވިޑް ބޫސްޓަރ ޑޯޒް ޖަހައިފި

ވެކްސިން ދިނުން ކުރިއަށްގެންދަނީ - ފޮޓޯ: އެމްއާރްސީ

ކޯވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް 1500 އަށްވުރެއް ގިނަ މީހަކު ޖަހާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕިއޭއިން ބުނެފައިވަނީ 1577 މީހުން ކޮވިޑް ބޫސްޓަރ ޑޯޒް ޖަހާފައިވާކަމަށެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ޚިދުމަތްތެރިންނަށް އިތުރު ވެކްސިން ޑޯޒެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން އޮން އިމިއުނައިޒޭޝަނުން ލަފާދީފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ކަމާބެހޭގޮތުން މިހާތަނަށް ކުރެވިފައިވާ ދިރާސާތަކަށް ބެލުމަށް ފަހުގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިވަގުތު ވެކްސިންގެ އިތުރު ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒަރ ވެކްސިނެވެ. އަދި އިތުރު ވެކްސިން ޑޯޒް ޖަހާނީ ކޮވިޑުގެ އެއްވެސް ވެކްސިނެއްގެ 2 ވަނަ ޑޯޒް ޖެހިފަހުން 6 މަސް ދުވަސް ފުރިހަމަވެފައިވާ މީހުންނަށް ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

އެގޮތުން މިވަގުތު ކޮވިޑް ވެކްސިންގެ އިތުރު ޑޯޒް ޖެހުމަށް ހަމަޖެހިފައިވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެޗްޕީއޭ އިން އިތުރަށް ބުނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި, އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދީފާޢީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުންނާއި, ދިގުމުއްދަތަކަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުންނާއި, ގަވާއިދުން ޑަޔަލިސިސް ހަދަމުންދާ މީހުން ވެސް ދިފާޢީ ނިޒާމު ބަލިކަށި މީހުންގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

މީގެއިތުރުން ކެންސަރު ބަލީގެ ފަރުވާ ހޯދަމުންދާ މީހުންނާއި, ބައްޔަށް ފަރުވާކޮށް ނިމި އަހަރެއް ނުވާ މީހުންނާއި އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުންނާއި ފުއްޕާމޭގެ ބަޔެއްގެ ސަބަބުން ގޭގައި އޮކްސިޖަންގެ ތެރަޕީގެ ފަރުވާ ލިބޭ މީހުންނާއި އެ ފަރުވާއަށް ޑޮކްޓަރު އިރުޝާދު ދީފައިވަނީ މީހުންގެ އިތުރުން ފުއްޕާމޭގެ ބައްޔަށް ފަރުވާކުރާ މީހުންނާއި ފަރުވާދިފައިވާ މީހުން ދިފާޢީ ނިޒާމު ބަލިކަށި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.