Last Updated: June 23, 13:06
Tuesday, June 23, 2026
ޚަބަރު

ރައީސް ޔާމީންގެ ދެވަނަ ދައުރެއްގައި ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކާނެ: ސައީދު

މެމްބަރު މުހައްމަދު ސައީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދެވަނަ ދައުރެއްގައި ހުޅުމާލޭގައި ތިންވަނަ ފިޔަވަހި ހިއްކާނެކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ރައީސް ޔާމީން ސަރުކާރުގެ އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތައް އެޅުމުގައި ހިންގާފައިވާ ޖަރިމާތައް ބެލުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި މައްސަލައަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ބޯހިޔާވަހިކަމަކީ ފޯރުކޮށްދޭންޖެހޭ އެއްޗެއްކަމަށާއި، 2023 ވަނަ އަހަރު ރައީސް ޔާމީންގެ ދެވަނަ ދައުރެއްގައި ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކާނެކަމަށެވެ. އަދި އެގޮތުން ހިއްކާ ތިންވަނަ ފިޔަވަހީގައިވެސް ބޯހިޔާވަހިކަމުގެ މުޅިން އާ މަޝްރޫއުތަކެއް ހިންގަވާނެކަމަށެވެ.

"ބޯހިޔާވަހިކަން ތަފާތު ދައްކާނެ 2023 ގަ ޕީޕީއެމްގެ ވެރިކަމެއްގަ ރައީސް ޔާމީން، އެ މަސައްކަތްޕުޅު ކުރައްވާނެ." ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ 18 އަތޮޅަށްކުރާ ހޭދަ، މާލެއާއި ވިލިމާލެއާ ދެމެދު ބްރިޖެއް އެޅުމަށްޓަކައި ހޭދަ ކުރުމަށް ނިންމާފައިވާކަމަށެވެ.

ސައީދު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއް އަންނާނީ ބޯހިޔާވަހިކަމުގައި ތަފާތެއް ގެނައުމަށް ކަމަށާއި، 25 ބުރިންވެސް ނުވާކަމުގައި ވާނަމަ އެއަށްވުރެއް އުސްކޮށްގެން ނަމަވެސް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށެވެ. ޕީޕީއެމުން އަންނާނީ ތަރައްގީގެ މަޝްރޫއުތަކާ އެކު ކަމަށާއި، އެކަންކަން ކުރުމަށް އެމްޑީޕީއަށް ނޭންގޭނެކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެމްޑީޕީއަށް އެކަންކަން ނުކުރެވޭނީ އެމްޑީޕީގެ ވެރިންގެ އިހުލާސްތެރިކަން ނެތުމުން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.