ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމަށް ހެލްތް މިނިސްޓްރީން އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާއެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރު ލިބިފައި ނުވާ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފުރިހަމަ ކުރުމަށް އަންގާފައިވާ ކަންކަން ނިންމާ އެ މައްސަލައިގައި މިމަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި، ވެންޓިލޭޓަރު މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ސުވާލު ކުރުމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، އެ މައްސަލައިގައި ބަޔާންތައް ނަގާ ނިމިފައިވާކަމަށާއި، މި މަސް ނިމުމުގެ ކުރިން އެ މައްސަލައިގައި ގޮތެއް ނިންމަވާނެކަމަށެވެ.
ވެންޓިލޭޓަރު މައްސަލައިގައި އެންމެ ފަހުން ޕީޖީން ބުނެފައިވަނީ އެ މައްސަލައިގައި އާކަންތައްތަކެއް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ޕީޖީން އެންމެ ފަހުން އޭސީސީއަށް އަންގާފައިވަނީ ވެންޓިލޭޓަރުތައް ގެންނަން ދެއްކި ފައިސާ ދައުރުވި ގޮތް ބެލުމަށާއި އެޓާނީ ޖެނެރަލްގެ ލަފައާ ހިލާފަށް ހިންގާފައިވާ ކަންކަމަށް ތަހުގީގުގައި ފޯކަސް ކުރުމަށެވެ. ޕީޖީގެ އާ ރެކޮމެންޓޭޝަންތަކާ ގުޅިގެން އޭސީސީން މައްސަލަ ތަހުގީގު ކުރަމުން އަންނަކަން އެ ކޮމިޝަނުން ހާމަކޮށްފައިވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އިން 2020 ވަނަ އަހަރުގެ ދެ ވަނަ ކުއާޓާގައި ކޮށްފައިވާ ހަރަދުތައް އޮޑިޓް ކުރުމަށް ފަހު އޮޑިޓާ ޖެނެރަލް އޮފީހުން ނެެރެފައިވާ ކޮވިޑް-19 ކޮމްޕްލަޔަންސް ރިޕޯޓްގައިވާ ގޮތުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އާ އެކު ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރެވެ. އެ އައިސީޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ އެކު އެއްބަސްވެފައިވާ އަގު ކަމުގައިވާ ވެންޓިލޭޓަރަކަށް 501،150 ރުފިޔާ އަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ދިވެހި ބައެއް ކުންފުނިތަކާއި އެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކުރެ އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން ވެންޓިލޭޓަރު ގަތުމަށް، ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅިއިރު، ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ވެސް ފާހަގަކޮށްފަ އެވެ. އަދި ޕާފޯމަންސް އާއި އެޑްވާންސް ޕޭމަންޓް ގެރެންޓީ ބަލަހައްޓާފައި ނުވުމާއި، ބިޑް ކޮމިޓީން ގަތުމަށް ނިންމި ބްރޭންޑް ނޫން އެހެން ބްރޭންޑެއްގެ ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ހިމަނާފައި ވުމާއި، އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 އިންސައްތައަށް ވާ ފައިސާ ދައްކާފައިވާކަން ރިޕޯޓްގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން ހެލްތު މިނިސްޓްރީ އިން ފިނޭންސް މިނިސްޓްރީ އަށް ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ވެންޓިލޭޓަރު ލިބިފައިނުވާކަމަށެވެ.
މިކަމުގައި އޭސީސީން ފުރަތަމަ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އޭރުގެ ހެލްތް މިނިސްތަރު އަބްދުﷲ އަމީން، ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު، ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު، ހެލްތް މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ، ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރު އާމިނަތު ޝައުފާ، ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީގެ މެމްބަރު ފާތިމަތު ލިމްޔާ، ހެލްތް މިނިސްޓްރީގެ ފައިނޭންސް އެގްޒެކްޓިވް އަހުމަދު އަސްލަމް، ހެލްތް މިނިސްޓްރީގެ ލީގަލް އޮފިސަރު އަލީ ޝިހާމް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޘް، ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް އަދި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ޝަރީފް ގެ މައްޗަށެވެ. އެހެންނަމަވެސް އޭސީސީން ފޮނުވި މައްސަލައިގައި އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް ނިންމެނީ މައްސަލައިގައި ދައުވާ ނުކުރުމަށެވެ.
އެކަމުގައި ރައްޔިތުންގެ މަޖިލީހުން ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ އަލުން ރިވިއުކޮށްދިނުމަށް ޕީޖީގެ އަރިހުން އެދުމުން ނިންމެވީ މައްސަލައިގައި ރިވިއުކުރާނެ ތަނެއް ނެތްކަމަށެވެ. ޕީޖީގެ މި ނިންމުމާއެކު ގިނަބައެއްގެ ފާޑުކިޔުން ޕީޖީއަށް އަމާޒުވެ މަޖިލީހުގެ ފިއްތުންތައް އިތުރުވުމުން ޕީޖީވަނީ މައްސަލަ އޭސީސީއަށް ފޮނުވާ އަލުން ވަކިކަންތައްތަކެއް ބެލުމަށް ތަހުގީގު ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މިހާރު އޭސީސީން ބަލަމުން އަންނަނީ މި ކަންތައްތަކެވެ.