Last Updated: June 23, 11:37
Tuesday, June 23, 2026
ޚަބަރު

ފުވައްމުލަށް ސިޓީގެ ކުރީގެ ނެރުތައް ބަންދު ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

ފުވައްމުލަށް ސިޓީގެ އިހުގެ ނެރުތައް ބަންދު ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި މަސައްކަތަކީ އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މިމަސައްކަތުގެ މަޤްސަދަކީ ފުވައްމުލަކުގައި މި ނެރުތަކުގެ ސަބަބުން ކުރިން ދިމާވެފައިވާފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިން ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރާއި، ފުވައްމުލައް މެދު ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ދީދީއާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ އިސްމާޢީލް ރަފީޤާއި، ޑެޕިއުޓީ މޭޔަރ މުޙައްމަދު ފިކުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނެފައިވަނީ އެ ކުންފުނީގެ އަމާޒަކީ ކުންފުނިން ކުރިއަށްގެންދިޔަ އެހެނިހެން މަޝްރޫޢުތަކެކޭ އެއްފަދައިން މި މަސައްކަތް ވެސް ކާމިޔާބު ކަމާއެކު ނިންމާލައި ސަރުކާރާ ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ހަވާލުކުރުންކަމަށެވެ.