ސިޔާސީ ޕާޓީތަކާ ބައްދަލުކުރެއްވީ ޤާނޫނުއަސާސީ އިސްލާހު ކުރުމަށް އެކި ފަރާތްތަކުން އެދި ހުށަހަޅަމުންދާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކި ފަރާތްތަކުން ޤާނޫނުއަސާސީ އިސްލާހު ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގައި އެދެމުން އަންނަކަމަށާއި، އެގޮތުން ޖޭއެސްސީ އެކުލެވިގެންވާގޮތްވެސް ބަދަލުކުރުމަށް ހުށަހެޅުންތައް އުޅޭކަމަށާއި، އަދި އެނޫންވެސް އިތުރު އިސްލާހުތައް ޤާނޫނުއަސާސީއަށް ގެނައުމަށް އެކިފަރާތްތަކުން މަޝްވަރާ ކުރެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ސިޔާސީ ޕާޓީތަކާ ބައްދަލުކޮށް މަޝްވަރާ ކުރެއްވީ، ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތަކީ ހުރިހާ ޕާޓީތަކެއް ގުޅިގެން ކުރެވޭ މަސައްކަތަކަށް ވުމަކީ ރައްޔިތުންނަށް އޭގެން އެންމެ ހެޔޮ ނަތީޖާ ނިކުންނާނެ ގޮތްކަމަށް ދެކެވޭތީކަމަށެވެ.
މިހާރު އަމަލުކުރަމުން އަންނަ ޤާނޫނުއަސާސީއަށް އަމަލުކުރާތާ 13 އަހަރު ވެއްޖެކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ މި ޤާނޫނުއަސާސީއަށް އަމަލުކުރަމުންދާއިރު ދިމާވާ ދަތިތަކާއި އުދަގޫތަކާ އަދި އިސްލާހު ކުރަންޖެހޭ ކަންކަން އެންމެނަށްވެސް ސާފުވަމުން އަންނަކަމަށެވެ.
"އަޅުގަނޑުގެ އުންމީދަނީ ހުރިހާ ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފިކުރާ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކާ އަދި އަމިއްލަ ފަރުދުންވެސް ގުޅިގެން ރާއްޖޭގެ ސިޔާސީ މަޝްރަހު އަދި ރާއްޖޭގެ ސިޔާސީ ހަގީގަށް، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަކަށް އެތުރިގެން ދިއުން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި އިދިކޮޅު ޕާޓީތަކާއި، އެމްއެންޕީ އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމާވެސް ރައިސް ނަޝީދު ބައްދަލުކުރައްވާފައިވެއެވެ.